ވިޔަފާރި

ވެލާނާ އެއާޕޯޓުން ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ މައްޗަށް

Jan 21, 2017
  • ސާވިސް ޗާޖު 8 ޕަސެންޓް އިތުރު
  • އެއާޕޯޓުން ލިބޭ އާމްދަނީ ދަނީ އިތުރުވަމުން
  • އެއާޕޯޓުން ބޭނުންކުރާ މީހުންގެ އަދަދު އިތުރުވޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މިދިޔަ އަހަރު ސާވިސްޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ އަށް ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލެޑް ރެވެނިއު އޮތޯރިޓީ( މީރާ) ގެ ހިސާބުތައް ދައްކާ ގޮތުން ވީއައޭ އިން ސާވިސް ޗާޖުގެ ގޮތުގައި ދައުލަތައް މިދިޔަ އަހަރު 537 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ. މި އަދަދަކީ އޭގެކުރީ އަހަރު ލިބުނު 496 މިލިއަން ރުފިޔާއާ އަޅާބަލާއިރު އަށް ޕަސެންޓުގެ ކުރިއެރުމެކެވެ.

އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ބޭރުގެ ފަސިންޖަރުން އަތުން 25 ޑޮލަރުގެ އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސާވިސްޗާޖުގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މިދިޔަ އަހަރުގެ ހިސާބުތަކުން ދެއްކިއިރު އެއާޕޯޓު ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައިވެ އެވެ.

އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި އޭޕްރީލް 12، 1966 ގައި އެއާޕޯޓު ހުޅުވިފަހުންވީ ބައިގަރުނުގެ ދިގު ތާރީގައި މިމަހުގެ ދެވަނަ ދުވަހަކީ ހާއްސަ އަދި ތާރީހީ ދުވަހެއް ކަމަށެވެ. މިގޮތުން މި މަހުގެ ދެވަނަ އަށްވީ ހޯމަ ދުވަހު 567 އެއާކްރާފްޓް މޫވްމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ 188 ވީލް ބޭސް މޫވްމަންޓާއި މޫދަށް ޖައްސާ 379 ސީޕްލޭން މޫވްމަންޓެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ހޯމަ ދުވަހު ޓްރެފިކް ހައި ވެގެން ދިޔައިރު، އާ އަހަރު ފާހަގަ ކުރުމަށް ރާއްޖެއަށް އައި މަހުޖަނުންގެ 53 ޕްރައިވެޓް ޖެޓެއް ވެސް ވަނީ އެއާޕޯޓުން ހިދުމަތް ހޯދައިފަ އެވެ.