ކުޅިވަރު

މިސްރުގެ "ޒިދާން" ޓެރަރިސްޓުންގެ ލިސްޓަށް

Jan 19, 2017

މިސްރުގައި އުފެދުނު އެންމެ މަޝްހޫރޫ އެތުލީޓް އަދި އެގައުމުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު އަބޫ ތުރުކީ ޓެރަރިސްޓުންގެ ލިސްޓްގައި އެގައުމުގެ ސަރުކާރުން ހިމަނައިފި އެވެ.

މިޑްފީލްޑަށް ކުޅުނު އަބޫ ތުރުކީ، އެގައުމުގެ މީޑިއާތަކާއި އޭނާގެ ސަޕޯޓަރުން ސިފަކޮށްފައިވަނީ މިސްރުގެ "ޒިދާން" ގެ ގޮތުގަ އެވެ.

މިސްރު ސަރުކާރުން އޭނާ ޓެރަރިސްޓުންގެ ލިސްޓްގައި ހިމަނާފައި ވަނީ، އޭނާ އަކީ މުސްލިމް ބްރަދާ ހުޑްގެ މެންބަރަކަށް ވާތީ އެވެ. މިސްރު ސަރުކާރުން ވަނީ މުސްލިމް ބްރަދާހުޑް ޓެރަރިސްޓް ގުރޫޕެއް ކަމަށް ކަނޑައަޅައި ބްރާދާ ހުޑް މަނާ ކޮށްފަ އެވެ.

އަބޫ ތުރުކީގެ ނަން ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުމުން، އޭނާގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާގެ ސަޕޯޓަރުން ބުނެފައިވަނީ މިސްރުގެ ސަރުކާރު ވަނީ އިންސަފު ގެއްލިފައި ކަމަށެވެ.

މުސްލިމް ބަރަދާ ހުޑަށް ތައީދު ކުރާ ކަމަށް ދެކެވިފައިވާ ވާހަކަ ތައް އަބޫ ތުރުކީ ވަނީ ދޮގު ކޮށްފަ އެވެ. ނަމަވެސް 2012 ވަނަ އަހަރު ބޭއްވި މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބުގައި އޭނާ ވަނީ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ކެމްޕޭން ބައެއް ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ.

މިހާރު ޕްރޮފެޝަނަލް ކެރިއާ ހުއްޓާލާފައިވާ އަބު ތުރުކީ، 38 އޭނާގެ ކެރިއާގެ ބޮޑުބައި ހޭދަ ކޮށްފައި ވަނީ މިސްރުގެ އެއް ވަނަ ފުޓްބޯޅަ ކުލަބު އަލް އަހްލީ ގަ އެވެ. އޭނާ ވަނީ އަލް އަހްލީ އާއެކު އިންޓަނޭޝަނަލް މުބާރާތް ތަކުގައިވެސް ގިނަ ކާމިޔާބީ ތަކެއް ހޯދާފަ އެވެ. އަލް އަހްލީގެ ސަޕޯޓަރުންގެ މެދުގައި އޭނާ އަށް ބޮޑު މަގުބޫލު ކަމެއް އޮވެ އެވެ.

"މިއީ އިންސާފުން ބޭރުން ކޮށްފައިވާ ކަމެއް، މިގައުމަށް (މިސްރަށް) އޭނާ ކޮށްދީފައިވާ ހިދުމަތްތަކަށް ބަލާފައި މިއީތަ އޭނާ އަށް ދޭން ހައްގުވާ ކަމަކީ ފުޓްބޯޅައިން މިސްރަށް އެންމެ ބޮޑެތި ކާމިޔާބުތައް ހޯދައިދިން ކުޅުންތެރިޔަކީ އޭނާ، އޭނާ އާ މެދު އެގޮތަށް ކަންތައް ކުރީ މިސްރުގެ ރައީސް (އަބްދުލް ފައްތާހް އަލް ސީސީ) އަށް ވުރެ އޭނާ (އަބޫ ތުރުކީ) އަށް އޮންނަ މަގުބޫލުކަން ބޮޑުވުމުން." އަލް އަހްލީގެ ސަޕޯޓަރެއް ކަމަށްވާ ޔުސްރީ އަބްދުލް ހާމިދު، 62 ބުންޏެވެ.

އަބުތުރުކީ ވަނީ މިސްރަށް ޖެހިޖެހިގެން ދެ ފަހަރު އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. ދެހާސް އަށް ވަނަ އަހަރު އެމުބާރާތުގެ ފައިނަލު މެޗްގައި މިސްރު މޮޅު ކޮށްދިން ލަނޑުވެސް ކެމެރޫން ކޮޅަށް ޖަހައިދިނީ އޭނާ އެވެ. އަދި ބްރެޒިލްގައި 2009 ވަނަ އަހަރު ބޭއްވި ފީފާ ކޮންފެޑްރޭޝަން ކަޕްގައިވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ހާއްސަކޮށް ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗްގައި އޭނާ ދެއްކި ކުޅުން ފާހަގަ ކޮށްލެވެ އެވެ.

"ޓީވީ ހުޅުވާލިރު ލިބުނު ޚަބަރަކުން އަހަރެން ހައިރާން ވެއްޖެ، އެވަގުތު އަހަރެންގެ ދަރިންވެސް ޓީވީ ކައިރިގައި ތިބި އެ ކުދިންނަ ވެސް ލިބުނީ ކުއްލި ޝޮކެއް." އަލްއަހްލީގެ އެހެން ސަޕޯޓަރެއް ކަމަށްވާ މޯނާ މުހައްމަދު ބުންޏެވެ.

މިސްރުގެ ޒިދާންގެ ނަމުން މަޝްހޫރު ވެފައިވާ އަބޫ ތުރުކީ އަކީ އެފްރިކާ ބައްރުގެ އިތުރުން، އަރަބި ދުނިޔޭގައިވެސް މަޝްހޫރުކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. ދެހާސް ހަ ވަނަ އަހަރު ކުލަބު ވޯލްޑް ކަޕްގެ ތިން ވަނަ އަލް އަހްލީ ހޯދައިރު، އެ މުބާރާތުގައި އަބޫ ތުރުކީ ދެއްކި މޮޅު ކުޅުމުން އޭނާ އަށް ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔަ އެވެ.