ބޭރު ކުޅިވަރު

މާލީ ހާލަތު ހުރި ގޮތުން އަގު ބޮޑު ކުޅުންތެރިޔަކު ހޯދާކަށް ނުޅެން: ޒަވީ

ބާސެލޯނާގެ މާލީ ހާލަތު މިވަގުތު ހުރި ގޮތުން އެ ޓީމަށް ދުނިޔޭގެ ފެންވަރުގެ ނަން މަޝްހޫރު ކުޅުންތެރިޔަކު ގެނައުމަށް ދަތި ކަމަށް ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނެފައި މިވަނީ މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ ނޯވޭގެ އާލިން ހާލަންޑް ނުވަތަ ޕީއެސްޖީއަށް ކުޅެމުންދާ ފްރާންސްގެ ކީލިއަން އެމްބާޕޭގެ ތެރެއިން ކުޅުންތެރިޔަކު ބާސެލޯނާއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނޫސްތަކުން ރިޕޯޓްކުރަމުންދާތީ އެވެ.

ޒަވީ ބުނީ ބާސެލޯނާގައި މިވަގުތު އޮތް ޒުވާން ކުޅުންތެރިންނާއި އަދި ތަޖުރިބާކާރު ކުޅުންތެރިންނާ އެކު ޓީމުގައި ރަނގަޅު ސްކޮޑެއް އެބައޮތް ކަމަށެވެ.

ޓީމު އިތުރަށް ވަރުގަދަ ކުރާނަމަ ވަރުގަދަ މޮޅު ކުޅުންތެރިޔަކު ހޯދުމަށް މާލީ ގޮތުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭނެ ކަމަށާއި މިވަގުތު ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން އެފަދަ ހަރަދެއް ކުރަން ވިސްނާފައި ނުވާ ކަމަށްވެސް ޒަވީ ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާގައި އޮތް ސްކޮޑާ މެދު އޭނާ ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިންނަކީ ވަރަށް ބުރަ މަސައްކަތް ކުރާ ބަޔަކަށްވާތީ އެ މީހުންގެ ހުނަރު އަދިވެސް ތަރައްގީކުރެވޭނެ ކަމަށެވެ. އެހެންވެ އަގު ބޮޑު ކުޅުންތެރިޔަކު ހޯދުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމުގައިވެސް ބުންޏެވެ.

ޒަވީ އިތުރަށް ބުނީ ބާސެލާނޯއަށް ކުޅުންތެރިން ގަންނަނަމަ ކުރިއަށް ވުރެ ބޮޑަށް އެ ކުޅުންތެރިޔެއްގެ މައުލޫމާތު ހޯދައި ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ.