ދުނިޔެ

ޔޫރަޕްގައި ވެސް ޓްރަމްޕާ ދެކޮޅު މުޒާހަރާތައް ކޮށްފި

އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ވެސް ބޮޑެތި މުޒާހަރާތައް ކޮށްފިއެވެ.

ރޮއިޓާސް އިން ބުނީ ޔޫރަޕްގެ ބޮޑެތި ރަށްތައް ކަމަށްވާ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނާއި ޖަރުމަނުގެ ވެރިރަށް ބާލިން އާއި ބެލްޖިއަމްގެ ވެރިރަށް ބްރަސުލްސްގައި ވެސް ޓްރަމްޕާ ދެކޮޅަށް މުޒާހަރާތައް ކޮށްފައިވާ ކަމަށެވެ.

ލަންޑަންގައި ހުންނަ އެމެރިކާ އެމްބަސީގެ ކުރިމަތީގައި އެތައް ސަތޭކަ ބަޔަކު ކުރި މުޒާހަރާތަކުގައި އަޑު އުފުލާފައި ވަނީ ހިޖުރަކުރާ މީހުންނާއި މުސްލިމުންނާއި މޫސުމަށް އަންނަ ބަދަލުތަކާއި އެހެން ބައެއް ކަންކަމުގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާ ދެކޮޅަށެވެ. އެ މުޒާހަރާ ރޭވީ "ސްޓޭންޑް އަޕް ޓް ރޭސިޒަމް" ނަމަކަށް ކިޔާ ޖަމިއްޔާއަކުންނެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގެ ބްރޭންޑެންބާގް ގޭޓް ކައިރީގަ އާއި ބެލްޖިއަމްގެ ވެރިރަށް ބްރަސުލްސްގެ މެދުތެރޭގައި ކުރި މުޒާހަރާތަކުގައި ކުރި މުޒާހަރާތަކުގައި ވެސް އަޑު އުފުލާފައި ވަނީ އެ ސިޔާސަތުތަކާ ދެކޮޅަށެވެ.

އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޓްރަމްޕް މަގާމުގެ ހުވާ ކުރެއްވި އިރު، އަދި އޭގެ ފަހުން ވެސް އެމެރިކާގައި ޓްރަމްޕާ ދެކޮޅު މުޒާހަރާތައް ކޮށްފައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޓްރަމްޕް ފާޅުކުރައްވާފައިވާ ހަރުކަށި ސިޔާސަތުތައް އެގޮތަށް ކުރިއަށް ގެންދަވާނެ ކަން އޭނާ ވަނީ ހުވައި ކުރެއްވުމަށް ފަހު ދެއްވި ތަރުރީރުގައި ވިދާޅުވެފަ އެވެ.