ދުނިޔެ

ޖިއްދާގައި ސައުދީ ބާރުތަކާދެކޮޅަށް ބޮންތަކެއް ގޮއްވައިފި

Jan 21, 2017

ސައުދީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ދެމީހަކު ޖިއްދާގައި ހައްޔަރު ކުރަން އުޅުމުން ސައުދީ ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ގައިގައި ހަރުކޮށްފައިވާ ބޮންތައް ގޮއްވާލައިގެން މަރުވެއްޖެ އެވެ.

ސައުދީ ރަސްކަމާ ގުޅުން އޮންނަ ސަބްޤު ނޫހުން ބުނީ އެ ހާދިސާ ހިނގީ ޖިއްދާގެ ގެއެއްގައި ތިބި ޓެރަރިސްޓުންގެ ދެމީހަކު ހައްޔަރު ކުރަން ވެގެން ސަލާމަތީ ބާރުތަކުން އެ ގެ ވަށައިލުމުން ކަމަށެވެ. އެގެ ވަށައިލުމުން ބަޑީގެ ހަމަލާތަކެއް ބަދަލު ކުރުމަށް ފަހު، ފިލައިގެން ނުދެވުމުން އެ ދެމީހުން އެމީހުންގެ ގައިގާ ހަރުކޮށްފައިވާ ބޮންތައް ގޮއްވައިލީ ކަމަށް އެނޫހުން ބުންޏެވެ.

އެ ހާދިސާގައި ސައުދީ ސަލާމަތީ ބާރުތަކުގެ މީހަކު މަރުވި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. އެ ހާދިސާއާއި ބެހޭ ގޮތުން ސައުދީ ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ސައުދީ އަރަބިއްޔާގައި އެ ގައުމުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ދޭ ހަމަލާތައް ފަހަކަށް އައިސް އިތުރުވެފައި ވެއެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދަނީ 2014 ވަނަ އަހަރުން ފެށިގެން ސައުދީ ސަރުކާރާ ދެކޮޅަށް ގިނަ ހަމަލާތަކެއް ދީފައި ވެއެވެ. އެމީހުންގެ ހަމަލާތައް އަމާޒުކޮށް ފައި ވަނީ ސައުދީ ސަލާމާތީ ބާރުތަކަށާއި އެ ގައުމުގެ ޝިޔައީންނަށެވެ.