ދުނިޔެ

ގެމްބިއާގެ ކުރީގެ ރައީސް ޖައްމާ ގައުމު ދޫކުރައްވައި ވަޑައިގަންނަވައިފި

ރިޔާސީ އިންތިހާބުން ނާކާމިޔާބު ވެވަޑައިގެންނެވުމުން ނަތީޖާ ގަބޫލުނުކުރައްވައި ވެރިކަމުގައި ހުންނަވަން މަސައްކަތް ކުރެއްވުމަށް ފަހު ގެމްބިއާގެ ކުރީގެ ރައީސް ޔަހުޔާ ޖައްމާ ވެރިކަމުގެ ބާރުތައް ދޫކުރައްވައި، އެންމެ ފަހުން ގައުމު ދޫކުރައްވައި ވަޑައިގެންފި އެވެ.

އަލް ޖަޒީރާ ބުނީ ޖައްމާ ވަޑައިގެންނެވީ ކޮން ގައުމަކަށް ކަމެއް ނޭނގޭ ކަމަށެވެ. އޭނާ އެއާޕޯޓަށް ވަނީ ވެރިކަން ދޫކޮށްލެއްވުމަށް ބާރު އެޅުއްވުމަށް އޭނާ އަރިހަށް ވަޑައިގެންނެވި ގިނީގެ ރައީސް އަލްފާ ކޮންޑޭ އަރިހުގަ އެވެ. އޭނާ ދަތުރު ކުރެއްވި މަތިންދާ ބޯޓް އެންމެ ފުރަތަމަ މަޑު ކުރީ ގިނީއަށެވެ. އެހެން ނަމަވެސް އާއިލާ އާ އެކު ޖައްމާ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާނީ އެ ގައުމުގައި ނޫން ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖައްމާ ގައުމު ދޫކުރައްވައި ވަޑައިގެންނެވުމަށް ޓަކައި ކުޑަ ރަސްމިއްޔާތެއް، އެ ގައުމުގެ ވެރިރަށް ބަންޖުލްގެ އެއާޕޯޓްގައި ބޭއްވި އެވެ. ރަތްދޫލައިގައި ޖައްމާ ބޯޓަށް އަރައިވަޑައިގަތުމުގެ ކުރިން އޭނާއަށް އަލްވަދާއު ކިޔަން އެއްވެފައިވާ ސަޕޯޓަރުންނަށް އަތް ހޫރާލުމުން އެތައް ބަޔަކު ކަރުނަ އަޅައި ރުއި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބަޣާވާތަކުން 1994 ވަނަ އަހަރު ގެމްބިއާގެ ވެރިކަމަށް ވަޑައިގެންނެވި ޖައްމާ ވެރިކަން ދޫކޮށްލެއްވީ އެފްރިކާގެ އިއްތިހާދުގެ ސިފައިން އެ ގައުމަށް އަރައި، އޭނާ މަގާމުން ދުރުކުރުމަށް މަޖުބޫރު ކުރުމުންނެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ ފުރަތަމަ ގަބޫލުކުރެއްވުމަށް ފަހު، ފަހުން އޭނާ ދައުވާ ކުރައްވަމުން ގެންދެވީ އެ އިންތިހާބުގައި ބޮޑެތި ގޯސްތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އަލުން އިންތިހާބެއް ނުބާއްވަނީސް، ވެރިކަން ދޫ ނުކުރައްވާނެ ކަން އިއުލާން ކުރައްވައި ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރެއްވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަދަމާ ބަރޯ މަގާމުގެ ހުވާ ކުރެއްވީ ވެސް ގައުމުން ބޭރުގަ އެވެ. އަވަށްޓެރި ސެނެގާލްގައި ހުންނަ ގެމްބިއާގެ އެމްބަސީގައި އަދަމާ ހުވާކުރެއްވުމުން ސެނެގާލުން ވަނީ އެގައުމުގެ ލަޝްކަރުތައް ހުކުރު ދުވަހު ގެމްބިއާއަށް ފޮނުވާފަ އެވެ. އެހިސާބުން ގެމްބިއާ ސިފައިންގެ ވެރިން ވަނީ އާ ރައީސަށް ބައިއަތު ހިފާފަ އެވެ. ޖައްމާ ގޮތް ދޫކުރެއްވީ އެހިސާބުންނެވެ.