ދުނިޔެ

އިންޑިއާގައި ރޭލެއް ފުރޮޅާލައި 25 މީހުން މަރުވެއްޖެ

އިންޑިއާގެ އުތުރުގައިވާ ޗައްތީސްގަޅް ސްޓޭޓްގައި ދަތުރުކުރަމުން ދިޔަ ރޭލެއް، ރޭލް ދަގަނޑު މަތިން ފުރޮޅައިލުމުގެ ސަބަބުން 25 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

ދަ ހިންދޫ ނޫހުން ބުނީ ޗައްތީސްގަޅްގެ ޖަގްދަލްޕޫރު ނަމަކަށް ކިޔާ ރަށުން އިއްޔެރޭ ފަތިހު ފުރައިގެން ބޫބަނޭސްވަރު ނަމަކަށް ކިޔާ ރަށަށް ދަތުރުކުރި ރޭލުގެ ނުވަ ކޮމްޕާޓްމަންޓެއް ދަނގަނޑުމަތިން ފުރޮޅާލައިގެން ވެއްޓިފައިވާ ކަމަށެވެ. އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުނީ ސީޓްތަކުގެ ދަށުގައި ފިތިފައި މީހުން ތިބުމުން ، މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހާދިސާ ހިނގި ތަނުން މީހުން ހޯދައި ސަލާމަތް ކުރުމަށް ރެސްކިއު ޓީމްތަކުން އަދިވެސް އަންނަނީ މަސައްކަތްކުރުމުންނެވެ. ޒަހަމްވެފައިވާ މީހުން އެ ސަރަހައްދުގައިވާ ދެރަށެއްގެ ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފަ އެވެ. އީސްޓްކޯސްޓް ރެއިލްވޭސް އިން ބުނީ ޒަހަމްވީ މީހުންގެ ތެރެއިން 22 މީހަކު އަންދުރަޕްރަދޭޝްގެ ޕާރުވަތީ ޕޫރަމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިތުރު 38 މީހަކު ރަޔާގަދާ ޑިސްޓްރިކްޓްގައިވާ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ބާވެފައިވާ ރޭލްވޭ ނިޒާމުގައި ކޮންމެ އަހަރަކު ގިނަ އެކްސިޑެންޓްތަކެއް ހިނގައެވެ. އަދި އެ އެކްސިޑެންޓްކުގައި ކޮންމެ ފަހަރަކުވެސް އެތައް ބައެއްގެ ފުރާނަ ގެއްލެއެވެ.