ހަބަރު

އޭޑީއެފް ނަގާނެ ގޮތުގެ ގަވައިދު އާންމުކޮށްފި

  • ފީ ނަގަން ފަށާނީ މެއި މަހުން ފެށިގެން
  • ދެ އަހަރުން ދަށުގެ ކުދިން އަތުން ނުނަގާނެ
  • އެއާލައިންތަކުން ފީ ދައްކަން ޖެހޭނީ މީރާއަށް

ރާއްޖޭގެ އެއާޕޯޓްތަކުން ފުރާ މީހުންގެ އަތުން ނެގުމަށް ފާސްކުރި، އެއާޕޯޓް ޑިވަލޮޕްމަންޓް ފީ (އޭޑީއެފް) ނެގުމުގެ ގަވައިދު އެކުލަވާލައި އެ ގަވައިދު ގެޒެޓްކޮށްފި އެވެ.

އެއާޕޯޓް ސާވިސް ޗާޖަކީ ބިދޭސީންގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރުގެ ރޭޓުގައި މިހާރު ވެސް ނަގަމުން އަންނަ ޓެކުހެކެވެ. މިރޭ ގެޒެޓްކުރި އާ ގަވާއިދުގެ ދަށުން، 8 ޑިސެންބަރު 2016 ގެ ފަހުން ފުރާ ފަސިންޖަރުންގެ ފައިސާ އެއާލައިންތަކުން ދައްކަން ޖެހޭނީ މީރާ އަށެވެ. ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތަކާއި ދެ އަހަރުން ދަށުގެ ކުދިންނާއި ޓްރާންސިޓް ފަސިންޖަރުން މި ޓެކުހުން އިސްތިސްނާ ވެއެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަކީ މި އަހަރުގެ މެއި އެއްވަނަ ދުވަހުގެ ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރަށް ފުރާ ބިދޭސީންގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރުގެ ރޭޓުގައި ނެގުމަށް ހަމަޖައްސާފައިވާ ފީ އެކެވެ. މި ފައިސާ ވެސް އެއާލައިން ތަކުން ދައްކަން ޖެހޭނީ މީރާ އަށެވެ.

ގަވައިދުގައިވާ ގޮތުން ގަވައިދަށް އަމަލުކުރަން ފަށާއިރު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ އެއާޕޯޓް ހިންގާ ފަރާތްތަކާއި ރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއާލައިންތައް އެއާޕޯޓް ސާވިސް ޗާޖަށާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީއަށް މީރާގައި ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.

ގަވައިދުގައިވާ ގޮތަށް މިރާގައި ރަޖިސްޓްރީކުރާ ފަރާތްތަކުން މެއި އެއްވަނަ ދުވަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ނަގަންޖެހޭނެ އެވެ. އެ ފީ ނަގާނީ މެއި އެއްވަނަ ދުވަހުގެ ފަހުން ދަތުރު ކުރުމަށްޓަކައި އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފަހުން ޓިކެޓް ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުން ކަމަށް ގަވައިދުގައިވެ އެވެ.

ޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތަކާއި ދެ އަހަރުން ދަށުގެ ކުދިންނާއި ޓްރާންސިޓް ފަސިންޖަރުން މި ޓެކުހުން ވެސް އިސްތިސްނާވެ އެވެ. އޭގެއިތުރުން "ޑައިރެކްޓް ޓްރާންސިޓް" ނުވަތަ ރާއްޖޭގެ އެއާޕޯޓެއްގައި ޓްރާންސިޓްކުރާ ފްލައިޓެއް ރާއްޖެއިން ބޭރަށް ފުރާއިރު އެ ފްލައިޓް ރާއްޖެއަށް އައި ދަތުރުގަިއ ބަޔާންކުރި ފްލައިޓް ނަންބަރު ބަދަލުނުވެ ފުރައިގެންދާ ފްލައިޓްތަކުގައި ތިބޭ ޓްރާންސިޓް ފަސިންޖަރުންގެ އަތުން ވެސް މި ފީ ނުނަގާނެ އެވެ.

އަދި، އަމިއްލަ ބާރު ނުފޯރުވާ ހާލަތެއް މެދުވެރިވެގެން ރާއްޖޭގެ އެއާޕޯޓަކަށް ޖައްސާ ފްލައިޓެއްގައި ތިބޭ ފަސިންޖަރުން ރާއްޖެއިން ބޭރަށް ފުރާއިރު އެއާޕޯޓް ސާވިސް ޗާޖާއި އޭޑީއެފް ނަގަން ނުޖެހެ އެވެ.

އޭޑީއެފް އަށް ރަޖިސްޓްރީކުރަންޖެހޭ ފަރާތެއް ރަޖިސްޓްރީނުކޮށްފިނަމަ ނޫނީ، އެއާޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅަންޖެހޭ ފަރާތަކުން އެ ބަޔާން ހުށަނާޅައިފިނަމަ ނުވަތަ ލަހުން ހުށަހަޅައިފިނަމަ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައިވާ ގޮތަށް ޖޫރިމަނާކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.