ހޮލީވުޑް

ބެޓް-އެފްލެކް ގެއްލި، ގޮތަމް ސިޓީ ކުއްލި ހާލަތަށް

Jan 31, 2017

ބެޓްމޭން އަކީ ބެން އެފްލެކްކަން އިއުލާނުކުރި ދުވަހު ފޭނުންތަކެއް ރުޅިގަދަވި ނަމަވެސް ބެޓްމޭންގެ އާ ފިލްމު ޑައިރެކްޓްކުރާނީ ހޮލީވުޑްގެ މި ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރުކަން އިއުލާނުކުރި ދުވަހަކީ ޑީސީ ކޮމިކްސްގެ ވަފާތެރިންގެ ހިތް އަރާމެއްގެ ތެރެއަށް ގެނބިގެން ދިޔަ ދުވަހެކެވެ. ސަބަބަކީ އެކްޓަރެއްގެ ގޮތުގައި ދައްކާ ހުނަރަށް ވުރެން އާދަޔާހިލާފު ހުނަރުތަކެއް ބެން އެފްލެކް ޑައިރެކްޓަރުގެ ގޮނޑީގައި މިހާތަނަށް ދައްކުވައިދީފައިވާތީ އޭނާގެ ކުޅަދާނަކަމާ އެކު އުފައްދާނެ ސުވާލެއް ނެތީމަ އެވެ.

ނަމަވެސް ބެން އެފްލެކްގެ ބެޓްމޭން ނިސްބަތްވާ ގޮތަމް ސިޓީ އިން މިއަދު ލިބުނު ބްރޭކިން ނިއުސް އަކީ މުޅި ސިޓީ ކުއްލި ހާލަތަށް ދާ ވަރުގެ ޚަބަރެކެވެ. އެފްލެކް ބެޓްމޭންގެ ރޯލު ކުޅެން ހަމަޖެހިފައިވާ އާ ފިލްމު "ދަ ބެޓްމޭން" ގެ ޑައިރެކްޓަރުގެ ގޮނޑިން އޭނާ ފުންމާލައިފި އެވެ.

ފިލްމު ޑައިރެކްޓްނުކުރާނެކަން ރަސްމީކޮށް އިއުލާނުކުރި ނަމަވެސް ބެޓްމޭންގެ ރޯލު ކުޅޭނެ ކަމާއި ފިލްމުގައި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އެފްލެކް ވަނީ ދީފަ އެވެ. ޚަބަރުތައް ލިބޭ ގޮތުގައި ޑައިރެކްޓަރުގެ ރޯލު އެފްލެކް ދޫކޮށްލީ ފިލްމު އުފައްދާ މައި ސްޓޫޑިއޯ ވާނާ ބްރޯސްގެ ވެރިންނާ މަޝްވަރާކުރުމަށް ފަހު އެންމެން އެގޮތަށް އެއްބަސްވެގެންނެވެ.

އެއަށް ފަހު ނެރުނު ބަޔާނެއްގައި އެފްލެކް ބުނެފައި ވަނީ ބައެއް ކެރެކްޓާތަކީ އެތައް ބައެއްގެ ހިތްތަކުން ޖާގަ ދީފައިވާ މުހިންމު ކެރެކްޓާތަކަށްވާއިރު، ބެޓްމޭން ކަހަލަ ކެރެކްޓާއެއް ކުޅުމަށް އޭނާގެ ފުރިހަމަ ސަމާލުކަމާއި ހުނަރު ދޭން މަޖުބޫރުވެ އެވެ. ނަމަވެސް ފިލްމުގައި ލީޑް ރޯލު ކުޅެމުން ފިލްމު ޑައިރެކްޓްކުރާ ނަމަ އެންމެ ފުރިހަމަ ސަމާލުކަމާއި އެކްޓިން ބެޓްމޭންގެ ގޮތުގައި ނުދެއްކިދާނެ ކަމަށް އެފްލެކް އެއްބަސްވެ އެވެ.

އޭނާ ބުނެފައި ވަނީ ޑައިރެކްޓަރުގެ މަގާމު ދޫކޮށްލި ނަމަވެސް ފިލްމު ދޫކޮށްނުލާނެ ކަމަށާއި އާ ޑައިރެކްޓަރަކު ހޯދައިގެން ފުރިހަމަ މަސައްކަތެއް ގެނެސްދިނުމަށް ސްޓޫޑިއޯއާ އެކު މަސައްކަތްކުރާނެ ކަމަށެވެ.

ހޮލީވުޑްގެ އެންމެ ޑިމާންޑްބޮޑު އަދި އެންމެ ކާމިޔާބު އެކްޓަރުންނާއި ޑައިރެކްޓަރުންގެ ތެރެއިން ގުނާލެވޭ އެފްލެކް ބެޓްމޭންގެ ރޯލު ކުޅެމުން އަންނަނީ ޑައިރެކްޓަރު ކްރިސްޓޮފާ ނޮލާން ގެނެސްދިން ބެޓްމޭން ޓްރޮލޮޖީ އަށް ފަހު އުފެއްދި "ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިން" އިން ފެށިގެންނެވެ. އެއަށް ފަހު "ސުއިސައިޑް ސްކޮޑް" އިން ވެސް ބެޓްމޭންގެ ގޮތުގައި ފެނިގެން ދިޔަ އެވެ.

ގިނަ ފާޑުކިޔުންތަކެއް އަމާޒުވި މި ދެ ފިލްމަށް ފަހު، ބެޓްމޭންގެ ހެދުމުގައި އެފްލެކް ދެން ފެނިގެންދާނީ ޖަސްޓިސް ލީގުގެ ލައިވް އެކްޝަން އާ ފިލްމުންނެވެ.

އެކްޓަރެއްގެ ގޮތުގައި އާއި ޑައިރެކްޓަރެއްގެ ގޮތުގައި ހޯދާފައިވާ ކާމިޔާބީގެ އިތުރަށް އެފްލެކް އަކީ ސްކްރީންޕްލޭ ލިޔުމުގެ ހުނަރަށް ވެސް ފާހަގަކޮށްލެވޭ ތަރިއެކެވެ. އެގޮތުން އެކްޓަރު އަދި ކުޑައިރުގެ އެކުވެރިޔާ މެޓް ޑޭމަންއާ އެކު އޭނާ ލިޔުނު ގުޑް ވިލް ހަންޓިން އަށް ގޯލްޑެން ގްލޯބްސް އާއި އޮސްކާގައި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ލިބިފައިވެ އެވެ.