ފިނިޕޭޖް

މާވެލްގެ ބައެއް ފިލްމުތައް ރިލީޒްކުރާ ތާރީހަށް ބަދަލެއް

ހޮލީވުޑް އެކްޓަރުންގެ އިހުތިޖާޖު ނިމުމާއެކު ޑިޒްނީ އަދި މާވެލް ސްޓޫޑިއޯޒް އިން ބައެއް ފިލްމްތަކުގެ ރިލީޒް ތާރީހު ބަދަލުކޮށްފި އެވެ.

އެގޮތުން މީގެ ކުރިން މޭ 3، 2024 ގައި ނެރެން ހަމަޖެހިފައި އޮތް ރަޔާން ރެނޯލްޑްސް އަދި ހިއު ޖެކްމަންގެ "ޑެޑްޕޫލް 3"، ދެން އެމެރިކާގައި ރިލީޒްކުރާނީ ޖުލައި 26، 2024 ގައެވެ. އަދި އެންތަނީ މެކީގެ "ކެޕްޓަން އެމެރިކާ: ނިއު ވޯލްޑް އޯޑާ" ރިލީޒްކުރާނީ ޖުލައި 2024ގެ ބަދަލުގައި ފެބްރުއަރީ 14، 2025 ގައެވެ.

މި ދެ ފިލްމަކީ މާވެލް ސިނަމެޓިކް ޔުނިވާސްގެ ފޭނުން ވަރަށް ކެތް މަދުވެފައިވާ ދެ ފިލްމެވެ.

މީގެ އިތުރުން ފްލޮރެންސް ޕިއު އަދި ސެބަސްޓަން ސްޓާންގެ އެންޓި-ހީރޯ ފިލްމް "ތަންޑަބޯލްޓްސް" ޑިސެމްބަރު 20، 2024 އިން ޖުލައި 25، 2025 އަށް ބަދަލުކޮށްފައިވާއިރު، މަހެރްޝަލާ އަލީގެ "ބްލޭޑް" ފެބްރުއަރީ 14، 2025 އިން ނޮވެމްބަރު 7، 2025 އަށް ވަނީ ބަދަލުކޮށްފަ އެވެ.

މި ދެ ފިލްމުގެ ޕްރޮޑަކްޝަން މީގެ ކުރިން ހަމަޖެހިފައި އޮތީ މިދިޔަ ހޫނު މޫސުމުގައި ފަށާ ގޮތަށެވެ. އެހެން ނަމަވެސް ލިޔުންތެރިން އަދި އެކްޓަރުންގެ އިހުތިޖާޖާ ގުޅިގެން ސްކްރިޕްޓް ތައްޔާރުވެފައި ނެތުމާއެކު، ފިލްމުގެ މަސައްކަތްވެސް ވަނީ ނުފެށި އެވެ. އަދި "ފެންޓާސްޓިކް 4" ވެސް ވަނީ ރިލީޒްކުރުން ފަސްކޮށްފަ އެވެ.

މި ބަދަލުތަކާ ގުޅިގެން މާވެލްއިން އަންނަ އަހަރު ރިލީޒްކުރާނީ "ޑެޑްޕޫލް 3" އެކަންޏެވެ. މި ފިލްމު ޑައިރެކްޓްރަނީ ޝޯން ލީވައި އެވެ. އޭނާ ވަނީ ރަޔާން ރެނޯލްޑްސްއާ އެކު މީގެ ކުރިން ދެ ފިލްމު ޑައިރެކްޓްކޮށްފަ އެވެ.