ވިޔަފާރި

މިދިޔަ މަހު ރިކޯޑް އާމްދަނީއެއް، 2.2 ބިލިއަން ރުފިޔާ

Feb 1, 2017
2

ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް މިދިޔަ މަހުގެ ތެރޭގައި ޓެކްސް އާއި އެހެނިހެން ވެސް ފީތަކުން ޖުމްލަ ދެ ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ބަލައިގެންފި އެވެ. އެއީ، މީރާއިން ބުނި ގޮތުގައި މިއީ، އެ އޮތޯރިޓީގެ ތާރީހުގައި ވެސް އެއްމަހެއްގައި އެންމެ ގިނަ ފައިސާ ބަލައިގަތް ފަހަރެވެ.

މިދިޔަ މަހަކީ ދައުލަތަށް އާމްދަނީ ލިބޭ ވަރަށް ގިނަ ޓެކްސްތަކެއް ދެއްކުމުގެ ސުންގަޑި ހަމަވި މަހެކެވެ. އެ ގޮތުން މިދިޔަ މަހުގެ 29 ވަނަ ދުވަހަކީ މިދިޔަ އަހަރުގެ ފަހު ކުއާޓާ ޖީއެސްޓީ ދެއްކުމުގެ އެންމެ ފަހު ދުވަހެވެ. އަދި ޖެނުއަރީ 31 ވަނަ ދުވަހަކީ މިދިޔަ އަހަރުގެ ވިޔަފާރި ފައިދާގެ ޓެކްސް، ނޫނީ ބީޕީޓީ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ފަހު ދުވަހެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ މަހުގެ ތެރޭގައި 28،000 އަށް ވުރެ ގިނަ ވިޔަފާރިތަކުން މީރާއިން އަށް ވަނީ ޖުމްލަ 2.2 ބިލިއަން ރުފިޔާ ބަލައިގެންފަ އެވެ. އެ އާމްދަނީގެ ތަފްސީލީ ހިސާބުތަކެއް މީރާއިން އަދި ހާމައެއް ނުކުރެ އެވެ.

ސުންގަޑިއަށް ޓެކްސް ބަޔާންތައް ހުށަހަޅައި ފައިސާ ދެއްކުމުގައި ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން، މީރާގެ އޮފީސްތަކުގެ އިތުރުން، ޖެނުއަރީ 29 އިން 31 ގެ ނިޔަލަށް ކުރީގެ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ވަގުތީ ކައުންޓަރުތަކެއް ބަހައްޓައިގެން ހިދުމަތް ދީފައިވެ އެވެ.