މީރާ

މާޗް މަހު ލިބުނު އާމްދަނީ 34 ޕަސަންޓް އިތުރުވެއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މި އަހަރުގެ މާޗް މަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މާޗްމަހާ އަޅާބަލާއިރު 34.4 ޕަސަންޓް އިތުރުވެއްޖެ އެވެ.

މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ މާޗް މަހުގެ އާމްދަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މާޗްމަހު މީރާއަށް އާމްދަނީގެ ގޮތުގައި 2.94 ބިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ. މީގެ ތެރޭގައި އެމެރިކާ ޑޮލަރުން ބަލައިގަނެފައިވާ 119.67 މިލިއަން ޑޮލަރު ހިމެނެ އެވެ. މިދިޔަ އަހަރުގެ މާޗް މަހު މީރާއަށް ބަލައިގަނެފައިވަނީ 2.1 ބިލިއަން ރުފިޔާ އެވެ.

މީރާއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ މާޗް މަހަށްވުރެ މިއަހަރުގެ މާޗް މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭންކް އިންކަމް ޓެކްސް، ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އަދި ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

ބޭންކް އިންކަމް ޓެކުހުގެ ކުރިއަށް ހުރި ސުންގަޑިތަކުގެ ފައިސާ މާޗް މަހުގެ ތެރޭގައި ދައްކައިފައިވާތީ ލިބުނު އާމްދަނީ އިތުރުވެފައިވާކަން މީރާއިން ފާހަގަކުރެ އެވެ.

މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެ ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރުގެ މާޗް މަހު ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.

މީރާއިން ހާމަކުރި ގޮތުގައި މިއަހަރުގެ މާޗް މަހު ލިބުނު އާމްދަނީއަކީ އެ މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 26 ޕަސަންޓް އިތުރު މިންވަރެކެވެ.

މީރާއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއިންނެވެ. ޖީއެސްޓީގެ ގޮތުގައި 1.52 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ މާޗް މަހު ބަލައިގަތް އާމްދަނީގެ 51.7 ޕަސަންޓެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އިންކަމް ޓެކްސްގެ ގޮތުގައި 589.65 މިލިއަން ރުފިޔާ ބަލައިގަތްއިރު އެއީ ޖުމްލަ އާމްދަނީގެ 20.1 ޕަސަންޓެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 370.57 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 113.80 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 106.12 މިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ.