އިންކަމް ޓެކުހުގެ ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 4.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ނޮވެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް މީރާއަށް ބަލައިގަތް އާމްދަނީގެ 21.9 އިންސައްތައަކީ އިންކަމް ޓެކްސް އެވެ.
ކުންފުނިތައް އަދި ވަކި ފަރުދުން ނޫން ފަރާތްތަކުގެ އިންކަމް ޓެކްސްގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނުއިރު ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި 974.2 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.
އަމިއްލަ ފަރުދުންގެ އިންކަމް ޓެކުހުން 302.5 މިލިއަން ރުފިޔާ ލިބުނުއިރު ބޭންކް އިންކަމް ޓެކުހުން 901.2 މިލިއަން ރުފިޔާ ލިބުނެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް މީރާއަށް ވަނީ 19.4 ބިލިއަން ރުފިޔާ ލިބިފަ އެވެ. މީގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ލިބުނު 754.9 މިލިއަން ޑޮލަރު ހިމެނެ އެވެ.
މީރާއަށް މިއަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ 20.4 އިންސައްތަ އިތުރުވެފަ އެވެ. އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި އިންކަމް ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސް އާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވުން ހިމެނެ އެވެ.