ރާއްޖެއަށް އިންކަމް ޓެކްސް ތައާރަފު ކުރި ފަހުން ލިބުނު ފުރަތަމަ އާމްދަނީގެ ގޮތުގައި 19 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔާއަށް ވަދެއްޖެ އެވެ.
ރާއްޖެއަށް އެންމެ ފަހުން ތައާރަފު ކުރި ޓެކްސް ކަމަށްވާ އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު 19 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އާމްދަނީގެ ގޮތުގައި 115 މިލިއަން ރުފިޔާ ލިބުނެވެ.
އިންކަމް ޓެކްސް ގާނޫނު އޮތް ގޮތުން އިންކަމް ޓެކްސް ނަގަން ފެށުމާއެކު ކުރިން ނަގަމުން ދިޔަ ދިޔަ ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި ވިތު ހޯލްޑިން ޓެކްސް ހިސާބު ކުރާނީ އިންކަމް ޓެކުހުގެ ތެރޭގަ އެވެ. އެހެންވެ ދެ އަދަދެއް އަޅާ ކިޔާނަމަ މިދިޔަ އަހަރު އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 115 މިލިއަން ރުފިޔާ އެވެ.
އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުދުންގެ އަތުން އިންކަމް ޓެކްސް ނަގަން ފެށީ އެޕްރީލް މަހު އެވެ. މި ޓެކްސް ނަގަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. މި ޓެކުހުގެ ގޮތުގައި މެއި މަހު ލިބިފައި ވަނީ ދެ މިލިއަން ރުފިޔާ އެވެ.
އިންކަމް ޓެކްސްގެ އެ ގާނޫނުގައިވާ ގޮތުން އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން އެ ޓެކްސް ނަގާނެ އެވެ. އެގޮތުން މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުން އެ އަދަދުގެ 5.5 ޕަސެންޓް ފައިސާ ދައުލަަތައް ދައްކަން ޖެހެ އެވެ. އަދި 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.