މީރާ

މީރާއަށް އޮގަސްޓުގައި ލިބުނީ 1.9 ބިލިއަން

ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި 1.98 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 24 ޕަސެންޓް އަދި މި އަހަރުގެ އޮގަސްޓް މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 34.5 ޕަސެންޓް އިތުރު އަދަދެކެވެ. މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 62.82 މިލިއަން ޑޮލަރު ހިމެނެ އެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮގަސްޓު 2023 އާއި އަޅައިބަލާއިރު، އޮގަސްޓު 2024 ގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ފަރުދުން-ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، ކުންފުނިތަކުގެ އާމްދަނީން ނަގާ ޓެކުހާއި، ޖީއެސްޓީ އަދި ގްރީން ޓެކުހުގެ އާމްދަނީ އިތުރުވެފައިވުމެވެ.

މީރާއަށް މިދިޔަ މަހު ލިބުނު ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކުހާއި، ސުންގަޑީގެ ފަހުން ބަލައިގަނެފައިވާ ވިޔަފާރިތަކާއި ފަރުދުން-ނޫން ފަރާތްތަކުން ލިބޭ އާމްދަނީން ނަގާ ޓެކުހުގެ އަދަދު އިތުރުވުމުގެ ސަބަބުން މީރާއަށް ބަލައިގަނެފައިވާ ޖުމްލަ އާމްދަނީ ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން އޮގަސްޓް 2023 އާ އަޅައިބަލާއިރު މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓެކުހުގެ އާމްދަނީ ވަނީ އިތުރުވެފަ އެވެ.

ފާއިތުވި އޮގަސްޓް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިންނެވެ.

ޖީއެސްޓީގެ ގޮތުގައި މިދިޔަ އޮގަސްޓް މަހު ދައުލަތަށް 1.06 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ އޮގަސްޓް މަހު ލިބުނު ޖުމްލަ އާމްދަނީގެ 53.3 ޕަސެންޓެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސް -- އާމްދަނީން ނަގާ ޓެކުހުންނެވެ. އިންކަމް ޓެކުހުގެ ގޮތުގައި 472.66 މިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 23.9 ޕަސެންޓެވެ.

މީގެ އިތުރުން އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި 90.85 މިލިއަން ރުފިޔާ ލިބުނުއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި 89.13 މިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 87.11 މިލިއަން ރުފިޔާ ލިބުނެވެ.