މީރާ

މީރާއިން ހޭދަކުރި ރުފިޔާއަކަށް 235 ރުފިޔާ ހޯދައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އަހަރު ހޭދަކުރި ކޮންމެ ރުފިޔާއަކަށް އާމްދަނީގެ ގޮތުގައި 235 ރުފިޔާ ހޯދާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.

މީރާ އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން މީރާއަށް 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 24.8 ބިލިއަން ރުފިޔާ ލިބުނެވެ.

މީރާގެ އަހަރީ ރިޕޯޓަށް ބަލާއިރު އިދާރީ ހަރަދުތަކަށް މީރާއިން މިދިޔަ އަހަރު 105.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އަހަރީ ރިޕޯޓްގައިވާ ގޮތުން މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނު ކޮންމެ 100 ރުފިޔާއަކަށް އެ އޮތޯރިޓީގެ ހަރަދު ހުރީ 42 ލާރީގަ އެވެ.

ދައުލަތަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ 75.5 ޕަސެންޓް ބަލައިގަނެފައިވަނީ މީރާ މެދުވެރިކޮށެވެ.

ޖުމްލަ އާމްދަނީގެ 58.6 ޕަސެންޓަކީ ޑޮލަރުން ލިބުނު އާމްދަނީ އެވެ. ޑޮލަރު އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 949.7 މިލިއަން ޑޮލަރު މީރާ -- 14.5 ބިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ.

ޑޮލަރުން ލިބުނު އާމްދަނީ ވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު 6.1 ޕަސެންޓް އިތުރުވެފަ އެވެ.

މީރާއަށް މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އިންނެވެ. ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އިން މިދިޔަ އަހަރު މީރާއަށް 8.7 ބިލިއަން ރުފިޔާ ލިބުނުއިރު އެއް ބިލިއަން ރުފިޔާ ނުލިބޭކަން މީރާގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.