މީރާ

ޖެނުއަރީ އެކެއްގައި އަގު ހުންނަންވާނީ އާ ޖީއެސްޓީ ރޭޓްގައި: މީރާ

ޖީއެސްޓީ ރޭޓަށް ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ބަދަލު އަންނައިރު އެ ދުވަހުން ފެށިގެން މުދަލާއި ހިދުމަތުގެ އަގު ޖަހާފައި ހުންނަންވާނީ ޖީއެސްޓީގެ އާ ރޭޓު ހިމަނައިގެން ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މިއަހަރު ގެނައި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުން ހަ ޕަސެންޓްގައި މިހާރު ނަގަމުން އަންނަ ޖީއެސްޓީ އަށެއް އިންސައްތައަށް ބަދަލުވާއިރު 12 އިންސައްތައިގައި މިހާރު ނަގަމުން އަންނަ ޓީޖީއެސްޓީ 16 އިންސައްތައަށް ބަދަލުވާނެ އެވެ.

މީރާއިން ބުނި ގޮތުގައި ޖެނުއަރީ ފުރަތަމަ ދުވަހުގެ ރެއަށް އަގުތަކަށް ބަދަލުގެންނަން އުނދަގޫވާ ފަރާތްތަކުން ޖެނުއަރީ ފުރަތަމަ ދުވަހުގެ ކުރިން ނަގާނެ އަގާއި އޭގެ ފަހުން ނަގާނެ އަގު ސާފުކޮށް އެނގޭނެ ގޮތަށް ބެހެއްޓިދާނެ އެވެ.

ޓެކްސް ރޭޓަށް އަންނަ ބަދަލާއެކު ވިޔަފާރިތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ހިމަނައިގެން މިރާއިން ވަނީ "ފެކްޓް ޝީޓް" ވެސް ތައްޔާރުކޮށްފަ އެވެ.

މީރާއިން ބުނި ގޮތުގައި 24 ގަޑިއިރު ހިދުމަތް ނުދޭ ކެފޭތަކާއި ރެސްޓޯރަންޓްތަކާއި 24 ގަޑިއިރު ހިދުމަތް ނުދޭ އެހެން ވިޔަފާރިތަކުން އާ ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ ޖެނުއަރީ ފުރަތަމަ ދުވަހު އެފަދަ ތަންތަން ހުޅުވާ ވަގުތުން ފެށިގެންނެވެ. އެނޫން ހުރިހާ ފަރާތްތަކުން ޖެނުއަރީ ފުރަތަމަ ދުވަހުގެ މެންދަމު 12:00 އިން ފެށިގެން ޖީއެސްޓީ ނަގަންޖެހޭނީ އާ ރޭޓުގަ އެވެ.

މި ބަދަލަށް ތައްޔާރުވުމަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މީރާއިން ދަނީ ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ.

މި ކެމްޕޭންގެ ދަށުން މީރާގެ ޓީމުތަކުން ދަނީ މާލޭގެ އިތުރުން އަތޮޅުތަކަށް ޒިޔާރަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އާ ރޭޓުތަކުގައި ޖީއެސްޓީ ނެގުމަށްޓަކައި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ހިދުމަތުގައި އެ ތާރީހުން ފެށިގެން އާ ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށް ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށްވެސް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.