ދިވެހި ޒުވާނުންނަށާއި ދިވެހިންނަށް ލިބޭ ތަރައްގީއަށް ހަސަދަވެރިވެ، އެކަމަށް ހުރަސް އެޅުމަކީ ކުރީގެ ރައީސަކަށް ވިޔަސް އޮތް ހައްގެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެއް ހާސް ފޮޓޯގްރާފަރުން ތަމްރީނުކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވަކި ބޭފުޅެއްގެ ނަން ވިދާޅު ނުވި ނަމަވެސް އިދިކޮޅު ފަރާތަކަށާއި ކުރީގެ ރައީސް ނަޝީދަށް ރައްދުވާ ގޮތަށް ވަނީ ފާޑުވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންނަކީ ދިވެހިން، އަޅުގަނޑުމެންގެ ނަސީބާމެދު ހަސަދަވެރި ނުވާނެ ފަރާތްތަކެއް ތިބެދާނެ ކަމަށް ވިސްނުމަކީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން، އެހެންވީމަ އެއް ޒަމާނެއްގައި މި ގައުމުގައި ވެރިކަން ކުރެއްވި ބޭފުޅަކު އަދި ހުންނެވި ނަމަވެސް އަދި މި ގައުމުގެ ލީޑަޝިޕަށް މިއަދު އެއްވެސް ކަހަލަ ފާޑެއް ވިދާޅުވާން ބޭނުންފުޅުވާ ބޭފުޅަކު ހުއްޓަސް އެއީ އެ ބޭފުޅެއްގެ އުފަން ހައްގެއް ނޫން ދިވެހި ޒުވާނުންނަށް ދިވެހިރާއްޖެއަށް ދިވެހިންނަށް ލިބިފައިވާ ތަރައްގީއާއި ލިބެމުންދާ ތަރައްގީއަށް ދާތެރޭ ހަސަދަވެރިވެ ގައުމުގެ މަގުތައް ހަލަބޮލިކޮށް ގައުމުގެ ކަންކަމާމެދު ބޭއިންސާފު ފާޑުވިދާޅުވުމަކީ، އެއީ އެ ބޭފުޅުންގެ އުފަން ހައްގެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، އެއީ ލީޑަރެއް ކަމަށް ވިދާޅުވެ އެ މަގާމު ހޯދަން މަސައްކަތްކުރައްވާ ބޭފުޅެއްގެ ބަހަށް ހެއްލި ނަމަވެސް ގައުމުގެ އަމާންކަން ނެތިދާފަދަ އެއްވެސް ކަމެއް ނުކުރުމަށް ޒުވާނުންނަށް ގޮވާލައްވާ ކަމަށެވެ. މިއަދުގެ ސަރުކާރުން ޒުވާނުނަށާއި އެހެންވެސް ފަރާތްތަކަށް ހޯދައިދެމުންދާ ފުރުސަތުތަކަކީ މީގެކުރިން އެއްވެސް ވެރިޔަކު ހޯދައިދެއްވި ފުރުސަތުތަކެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"މި ގައުމާމެދު އެތެރެއާއި ބޭރުން ވެސް ހަސަދަވެރިވާ ފަރާތްތައް ގައުމިއްޔިތުގެ ފުންމިނަށް ގައުމީ އިހުސާސެއްގައި ތިމާގެ އަމިއްލަ މޭ ނުވަތަ ހިތް ފުރާލައިފިނަމަ އެ ބަޔަކަށް އެއްވެސް ކަހަލަ ޝައްކަކަށް ނުވަތަ ހަސަދައަކަށް ޖާގައެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންފަދަ ހަރުދަނާ ޝަހުސިއްޔަތެއް މި ގައުމުގެ ވެރިއެއްގެ ގޮތުގައި ހުންނެވުމަކީ ދިވެހިންނަށް ލިބިފައިވާ ނަސީބެއް ކަމަށެވެ. އެމަނިކުފާނަކީ "ފައްކާ" ވެރިއެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަކީ ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީނާއި ދިވެހިންގެ އަމިއްލަވަންތަކަން ނަގަހައްޓާނެ ވެރިއެއް ކަމަށް ވެސް ވިދާޅުވި އެވެ.