ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަންނާނެ ހީނަރު ކަމުން އަރައިގަތުމަށް ޓަކައި ސަރުކާރުން ތައާރަފު ކޮށްފައިވާ ޕެކޭޖްގެ ތަފުސީލުތައް ހޯދުމުގެ މަސައްކަތް މަޖިލީހުން ކުރަން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެދިވަޑައިގެންފި އެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަންނާނަ ހުރަސްތައް ދެނެގަތުމުގެ ގޮތުން މީގެ ކުރިން ވެސް އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށްދޭން އިގްތިސާދީ ކޮމިޓީއަށް ހުށަހަޅާފައިވާނޭ ކަމަށެވެ.
ދައުލަތުގެ އިގްތިސާދީ އަދި މާލީ އިދާރާތަކުގެ އިސް ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ސަރުކާރުގެ ނިންމުންތަކާއި ނިންމުންތައް ނިންމި ސަބަބާއި އެ ނިންމުންތަކުގެ ސަބަބުން ވިޔަފާރިންނަށާއި، މާލީ އިދާރާތަކާއި، މުޅި އިގްތިސާދަށް ކުރާނެ އަސަރު ދެނެގަތުމުގެ މުހިއްމު ކަން ފެންނާތީ އެ ކަން ސައީދުގެ ސިޓީގައި ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މި ހާލަތުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ތައާރަފުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖްގެ މާ ބޮޑު ތަފުސީލެއް ސަރުކާރުން ހާމަ ނުކުރާ ކަމަށާއި އެ ފައިސާ ހޯދުމުގައި ސަރުކާރުން އަމަލު ކުރާނެ ގޮތުގެ ތަފުސީލެއް ވެސް ހާމަނުކުރާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ ތަފުސީލުތައް ވެސް މަޖިލީހުން ހޯދައި މަޖިލީހުގެ ދައުރު އިސް ކުރަން ވެސް މުހިއްމު ކަމުގައި ފެނިވަޑައިގަންނަވާތީ އިގްތިސާދީ ކޮމިޓީއަށް ދައުލަތުގެ އިގްތިސާދީ އަދި މާލީ އިދާރާތަކުގެ ވެރިން ހާޒިރު ކުރާނެ ބައްދަލުވުމެއް އިންތިޒާމު ކޮށްދިނުމަށް ސައީދުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ އެ ޕެކޭޖްގެ ދަށުން ތިން އަހަރު ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިޑިއަކާއި ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރެވޭނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފައި ކުންފުނިތަކަށް މުވައްޒަފުން މަދުނުކުރަން ޝަރުތު ކުރެ އެވެ.
އެ ޕެކޭޖްގެ މައުލޫމާތު ހޯދުމަށްޓަކައި މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް މާލީ އިދާރާތަކުގެ ވެރިން ހާޒިރު ކޮށްދޭން އެދުނުއިރު، އަންނަ ހަފުތާގައި މަޖިލީހުގެ މަސައްކަތްތައް އަލުން ފަށާނެ އެވެ. މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ، މެންބަރުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށެވެ.
ސަރުކާރުން ލަފާ ކުރާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުން މަދުވެ، އިގްތިސާދަށް ވަންނަ ބޭރު ފައިސާގެ ތެރެއިން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ގެއްލޭނެ އެވެ. އެ ކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ ހަރަދުތަކުގެ ތެރެއިން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ނިންމައިފަ އެވެ.