ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯއްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމުގައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތަކާއި ލަފައެއް ހޯއްދެއްވުމަށް އެދިވަޑައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެ ރިޕޯޓް ފޮނުއްވާފައިވާ ކަމަށެވެ.
އޭގެ އިތުރުން، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ދިރާސާކޮށް އިކޮނޮމިކް މިނިސްޓްރީއަށް މިނިމަމް ވޭޖާ ގުޅޭ ގޮތުހން ހުށަހަޅާފައިވާ ރިޕޯޓާއި، ސްޓޭކް ހޯލްޑަރުންނާ އެކު މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގެ ރިޕޯޓެއް ހިމެނޭ ގޮތެއް ކަރުދާހެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެ ރިޕޯޓް ދިރާސާ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅައި އިއުލާން ކުރައްވާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ، މިނިމަމް ވޭޖް ކަނޑައަޅާނީ މިނިސްޓްރީގެ ބޯޑުން ދީފައިވާ ލަފައާއެކު މަޖިލީހުން ދޭނެ ލަފައާއި އަދަދެއް ކަނޑައަޅާނަމަ އެ އަދަދަކާ އެކުގަ އެވެ.
މި މަސް ނިމުމުގެ ކުރިން ސަރުކާރުން މިނިމަމް ވޭޖް އިއުލާން ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވެފައިވާއިރު، ރާއްޖޭގައި ވަޒީފާ އަދާ ކުރާ މީހުނަށް މިނިމަމް ވޭޖެއް ދިނުން ލާޒިމުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން، ރާއްޖޭގައިވާ ހަތް ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މިނިމަމް ވޭޖުގެ އަދަދެއް ކަނޑައަޅަން ޖެހެ އެވެ. އަދި އެ އަދަދުތައް ކަނޑައެޅުމުގެ ބާރު ބިލުން ދީފައި ވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. މިނިމަމް ވޭޖަށް ދޭނެ ވަކި އަދަދުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ބިލަކު ނެތެވެ.
ކޮންމެ ދެ އަހަރަކުން އެއް ފަހަރު މިނިމަމް ވޭޖްގެ އަދަދު މިނިސްޓްރީގައި އެކުލަވާފައިވާ ބޯޑުން މުތާލިއާކޮށް މިނިސްޓަރަށް ލަފާ ދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އިގްތިސާދަށް އަންނަ ކުއްލި ބަދަލަކާ ގުޅިގެން އޭގެ ކުރިން ވެސް އެ އަދަދުތައް މުތާލިއާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތައް
- މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
- ފަތުރުވެރިކަމުގެ ސިނާއަތް
- ކޮންސްޓްރަކްޝަން ސިނާއަތް
- ދަތުރުފަތުރުގެ ސިނާއަތް
- ސިއްހީ ހިދުމަތުގެ ސިނާއަތް
- ތައުލީމީ ހިދުމަތުގެ ސިނާއަތް
- ކުދި މެދު ފަންތީގެ ވިޔަފާރީގެ ސިނާއަތް
މިނިމަމް ވޭޖަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދުމަށްޓަކައި އެ އިކޮނޮމިކް މިނިސްޓްރީގައި އެ ކަމަށް ދިރާސާ ކުރުމުގެ ގޮތުން އެކުލަވާލި ރިޕޯޓް މަޖިލީހަށް ފޮނުވިއިރު، މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީން ވަނީ އެ ކަން ލާޒިމުކޮށް ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް ވައުދުވެފަ އެވެ.