ހަބަރު

އިންޓަރެސްޓް ރޭޓު ބޮޑުވާ ސަބަބު ނަޝީދު ސާފުކޮށް ދެއްވައިފި

Dec 2, 2019
9

ރާއްޖޭގެ ކޮމާޝަލް ނޫނީ އަމިއްލަ ބޭންކުތަކުން ދޫކުރާ އެކި ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ބޮޑު ކަމަށް އަބަދުވެސް ޝަކުވާ ކުރާއިރު އެކަން މެދުވެރިވާންޖެހޭ ސަބަބު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސާފުކޮށް ދެއްވައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގާނޫނަށް އިސްލާހު ގެނައުމަށް ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމް ހުށަހެޅުއްވި އިސްލާހަށް މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގެ ތެރެއިން ނަޝީދު ވިދާޅުވި ގޮތުގައި، ބޭންކުތަކުން ދޫކުރާ އިންޓްރެސްޓް ބޮޑުވަނީ ގިނަ ފަރާތްތަކުން ލޯނުތައް އަނބުރާ ނުދައްކާތީ، އެކަމަށް ބޭންކުތަކަށް އޮންނަ ރިސްކު ބޮޑުކަމުން ކަމަށެވެ.

އެ ގޮތުން، ކޮމާޝަލް ބޭންކުތަކުން ދޫކުރާ 15 ޕަސަންޓް ލޯނުތަކަށް އަނބުރާ ފައިސާ ލިބެމުން ނުދާކަން ނަޝީދު މިއަދު ހާމަ ކުރެއްވި އެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން ކޮމާޝަލް ބޭންކުތަކުގެ އިންޓަރެސްޓް ރޭޓު ކަނޑައެޅެނީ އެ ލޯނުތަކުގެ ރިސްކު އޮންނަ މިންވަރަކަށް. އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ ތެރެއިން 15 ޕަސަންޓަކީ ފައިސާ އަނބުރާ ނުދައްކާ ލޯނުތައް،" ނަޝީދު ތަފުސީލު ކޮށްދެއްވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެ ލޯނުތައް ދޫކުރާއިރު މޯގޭޖު ނޫނީ ރަހުނުގެ ގޮތުގައި ބަހައްޓާ ގެދޮރާއި ހަރު މުދާ ފަދަ ތަކެތި، ލޯނު އަނބުރާ ނުދައްކާ ހާލަތެއްގައި ވިއްކާލުމުގެ ފުރުސަތު މިހާރު ބޭންކުތަކަށް ވަރަށް ހަނި ކަމަށެވެ.

އެގޮތުން، ބޭންކުތަކަށް ފައިސާ އަނބުރާ ހޯދުމުގެ ދަތިތައް ކުރިމަތިވަނީ މަދަނީ އިޖުރާއަތްތަކުގެ ގާނޫނުގެ އިތުރުން ސެކިއުރިޓީސް އާބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުގެ ސަބަބުން ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގެ މުޅި މާލީ ނިޒާމް މިހާރު އޮތީ ވަރަށް ބޮޑަށް އޮބަހެއްޓި ތަޅު އެޅުވިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްއެމްއޭގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން އެންމެ މުހިންމު އިސްލާހަކީ މަރުކަޒީ ބޭންކުގެ މަގުސަދާބެހޭ މާއްދާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެ ގޮތުން، ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި، ހަމައެކަނި ރާއްޖޭގައި ދައުރުވާ ފައިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ބަދަލުގައި މުދަލާއި ހިދުމަތުގެ އަގުތައް ވަކި ހަމައެއްގައި ހިފެހެއްޓުމުގެ ބާރު ލިބުމުން، އިގުތިސޯދަށް ހެޔޮ ބަދަލުތައް އަންނާނެފަދަ ނަތީޖާތައް މަރުކަޒީ ބޭންކަށް ނެރެވޭނެ ކަމަށެވެ.