ފައިސާ ޗާޕުކުރުން ހުއްދަ ދޭން ނިންމައި މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ މިނިވަންކަމަށް ވަދެވޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރިޔާސަތު ބަަލަހައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތަކީ ފައިސާ ޗާޕުކުރަން ހުއްދަ ދިނުމުގެ ގޮތުން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރުމުގެ ބައެއް މާއްދާތައް އިސްތިސްނާ ދިނުން ކަމަށެވެ. އަދި އެމްއެމްއޭގެ މަސްއޫލިއްޔަތަކީ މަޖިލީހުން އެންގި ގޮތަށް އަމަލުކުރުން ކަމަށެވެ.
ނަމަވެސް އިސްތިސްނާދޭން ނިންމައި މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ދަރަންޏަށް ނަގާ ފައިސާ 50 އަހަރުން ދައްކާ ބޮންޑަކަށް ބަދަލުކޮށް އިންޓަރެސްޓް ރޭޓްވެސް ވަކި ވަަަރަކަށް ކަނޑައަޅަން ހިމަނާފައި އޮތުމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އޭގެ ބަދަލުގައި ކޮމިޓީން އެމްއެމްއޭއަށް ލަފާދެވިދާނެ ކަމަށާއި އަދި މިހާރު ކޮމިޓީ ރިޕޯޓުގައި އެމްއެމްއޭގެ މިނިވަންކަމަށް ވަދެވޭނެ ތަފްސީލުތައް ލައިފައިވާ ކަމަށެވެ.
"އުނދަގޫކަމެއް ދިމާވެފައި އޮތީ އެ އިސްތިސްނާަ ދިނުމުގެ ތެރޭގައި ކޮމިޓީއިން ވަނީ އޭގެ ތަފްސީލުވެސް ބަޔާންކޮށްފައި. މި ތަފްސީލަކީ މަރުކަޒީ ބޭންކުގެ މިނިވަންކަމަށް އަރައިގަނެވޭ ތަފްސީލުގެ ގޮތުގައި ފާހަގަކުރެވޭނެ. ހާއްސަކޮށް ބައިނަލްއަގުވާމީ މާލީ އިދާރާތަކަަށް އެބާވަތުގެ ކަންކަން ފާހަގަކުރެވޭނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީ ރިޕޯޓުގައި މިހާރު ހިމަނާފައިވާ ބަސްމަގު ބަދަލުކުރަން އެ ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއާއެކު މަޝްވަރާކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ކޮމިޓީ ރިޕޯޓް މަޖިލީހުން ފާސްކުރުމުގެ ކުރިން އެ އިސްލާހު ހުށަހެޅުމުގެ ފުރުސަތު މެމްބަރުންނަށް ލިބޭނެ ކަަމަށެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އަދި މި އަހަރު ވަނީ އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމަ އަށް އިތުރުކޮށްފަ އެވެ. އަދި އެ މުއްދަތު ދެން އިތުރުކުރަން ހުށަހަޅާފައި ވަނީ 2023 ގެ އޭޕްރީލުގެ ނިޔަލަށެވެ.
އަދި އެ މައްސަލަ ދިރާސީކުރި މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރުމަށް ފަހު ބަދަލުތަކާއެކު އޯވާ ޑްރޯގެ މުައްދަތު އިތުރުކޮށްދޭން މިހާރު ވަނީ ފާސްކޮށްފަ އެވެ. ކޮމިޓީން ނިންމީ އަންނަ އަހަރުގެ ޖެނުވަރީ އެއްވަނަ ދުވަހުން ފެށެގެން 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހާ ހަމައަށް ޕަބްލިކް ބޭންކުން އޯވަޑްރޯ ކުރެވޭނެ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅުމަ ށެވެ.