ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭގޮތުން މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް މިއަދު ހާޒިރުކުރި އެމްއެމްއޭގެ އިސް ބޭފުޅުންގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ޑެޕިޔުޓީ ގަވަރުނަރު އަހްމަދު އިމާދުގެ އިތުރުން އެތަނުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އިބްރާހިމް އަހްމަދު ނާސިރު ހިމެނެ އެވެ.
ކޮމިޓީ އަކީ ސިއްރުކޮށްގެން ކުރިއަށް ގެންދާ ކޮމިޓީ އަކަށް ވާތީ އެ ބޭފުޅުން ހާޒިރުކުރި ސީދާ ސަބަަބެއް ނޭނގެ އެވެ.
ނަމަވެސް ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަންޑުކުރުމުގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ހަަމަލާ އަށް ފަންޑުކުރި މީހުން ހޯދުމުގެ މަސައްކަތްތައް މަޖިލީހުން ވެސް ދަނީ ކުރަމުންނެވެ.
މަޖިލީހުގެ އިންކުއަރީ އަށް ރައީސް ނަޝީދުގެ ބޮޑީ ގާޑުންނާއި ވަކިވަކި ސިފައިންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ބްރިގޭޑިއާ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ހާޒިރުކޮށްފައިވެ އެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ވެސް ހާޒިރުކޮށްފައިވެ އެވެ.
ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނިކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ގުޅުނު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.
މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެެއް މަޖިލިސް މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.