ސަރުކާރުގެ އިސް އޮފިޝަލުންތަކެއްގެ ހިއްސާ އޮންނަ ބިޒްނަސް އިމޭޖް ގުރޫޕް (ބިގް) ކުންފުންޏާ ގުޅޭ މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގުކޮށް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުން ކިބައިން އެދިއްޖެ އެވެ.
އެމައްސަލަ ތަހުގީގުކޮށް އޭސީސީއިން އެކުލަވާލި ރިޕޯޓު ރައްޔިތުންގެ މަޖިލީހާ މިއަދު ހިއްސާކޮށްފައިވާއިރު، އެ މައްސަލައިގެ ބައެއް ތަފްސީލުތައް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި ހިއްސާ ކުރައްވައިފަ އެވެ.
މިގޮތުން، އެ ރިޕޯޓާ ހަވާލާދެއްވައި، ނަޝީދު ވިދާޅުވީ މިދިއަ މާޗު މަހުގެ ތެރޭގައި ބިގް ކުންފުނިން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގުދު ފައިސާއިން ޖަމާ ކުރުމަށް ބީއެމްއެލްއަށް ދިޔުމުން އެ ފައިސާ ލިބުނު ގޮތެއް ހާމަ ކުރުމަށް އެދުމުން ބޭންކަށް ހިއްސާކުރި ލިޔެކިޔުންތަކުން ބީއެމްއެލްއަށް އެކަށީގެންވާ މިންވަރަށް އެފައިސާގެ އަސްލު ޔަގީން ނުވާތީ އެ ފައިސާ އެ ބޭންކުން ޖަމާކޮށްދޭން އިންކާރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ ބިގް ކުންފުނީގެ އެކައުންޓަށް މިދިޔަ މާޗު 18 ވަނަ ދުވަހު އެ ފައިސާ ޖަމާކޮށްފައިވާކަން އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފައި އެވެ.
ސިޔާސީ ގޮތުން އިސް ފަރާތްތަކަކާ ގުޅުން ހުރި ކުންފުންޏެއްގެ އެކައުންޓަކަށް ބޮޑު އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށްފައިވާތީ އާއި އެ ފައިސާ ދިން ކަމަށް ބިގުން ބުނެފައިވާ ސިންގަޕޫރުގެ ކުންފުނީގެ އަސްލު ހޯދިފައި ނުވާތީ އެ ފައިސާގެ އަސްލު ޔަގީން ކުރުމަށް އެ މުއާމަލާތާ ގުޅިގެން މަރުކަޒި ބޭންކް އެމްއެމްއޭއިން އިޝޫ ކުރި އެސްޓީއާރުގައި ބަޔާންކުރާ މަނީ ލޯންޑަރިންގެ ކުށުގެ އަމަލުތައް ހިމެނޭތޯ ބެލުމަށް ފުލުހުންނަށް އެ މައްސަލަ ހުށަހަޅަން އޭސީސީއިން ނިންމާފައިވާ ކަމަށް ނަޝީދު މިއަދު ހާމަކުރެއްވި އެވެ.
އެ ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފަ އެވެ.
މަނީ ލޯންޑަރިން މައްސަލައެއް ފެންމަތިވެފައިވާއިރު، ޖޫން 7، 2016 ގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާ ދިނުމުގެ މައްސަލަވެސް މީގެ ކުރިން ހޫނުވި އެވެ. އެ ހުކުމް ކުރީ އެމްއެންބީސީއާއެކު ހެދި ވެފައިވާ އޮތް އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. ބާކީ ފައިސާއަކީ ޖޫރިމަނާއަށް އެރި އަދަދެވެ.
އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ކަމަށްވާތީ، އެކަމާ ގުޅިގެން ގިނަ ބައެއްގެ ފަޑުކިއުން އަމާޒުވިއިރު، އެ މައްސަލަ މަޖިލީހުގެ އިތުރުން އޭސީސީއަށް ވެސް ހުށަހެޅުނެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް އިން ދައްކާ ގޮތުން ބިގް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓެރީ ހަސަން އިސްމާއިލް އާއި މުންޝިދް މުހައްމަދު އެވެ.
މުންޝިދަކީ ރައީސް އޮފީހުގެ ފޮޓޯގްރާފަރެކެވެ. އަދި އެ ކުންފުނީގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ހިއްސާވެސް މީގެ ކުރިން އޮތެވެ.