ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި އުންސުރު ހަމަނުވާނެ ކަމަށާ އުންސުރު ހަމަވެއްޖެނަމަ އިތުރު ދެ މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްއާ ހަމައަށް އުންސުރު ފޯރާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.
ވެންޓިލޭޓަރު ހިޔާނާތާއި ގުޅިގެން އޭސީސީން ދައުވާ ކުރަން ފޮނުވި މީހުންނަށް ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެދުމުން އެ ނިންމުން ބަދަލު ނުކުރާނެކަން ޕީޖީ އޮފީހުން އޭސީސީއަށް ވަނީ އަންގާފައެވެ. އެކަމާއި ގުޅިގެން ސިޔާސީ ބޭފުޅުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޕީޖީގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ޝަމީމްގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ. ރައީސް ނަޝީދުގެ ފާޑުވިދާޅުވުމުން ޕީޖީ ޝަމީމަށް އަމާޒު ކުރެއްވީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ދޫކޮށްލެވި މެސެޖެއްގައެވެ. އެ މެސެޖްގައި ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުގެ ހިޔާނާތް ބެލުމުގައި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ފެއިލްވެފައިވާ ކަމަށެވެ. ވެންޓިލޭޓަރަށް ފައިސާ ދައްކާފައިވާއިރު ފައިސާވެސް އަދި ވެންޓިލޭޓަރުވެސް ލިބިފައިނުވާ ކަމަަށް ވިދާޅުވިއެވެ.
"ވެންޓިލޭޓަރު ވައްކަން ބެލުމަށް ޕީޖީ ވަނީ ފެއިލްވެފައި. ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ވަނީ ފައިސާ ދީފައި، އެހެން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭ. ދެން ކޮން އުންސުރެއް ކިޔާކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ މެންބަރު ތޯރިގް ވިދާޅުވީ ވެންޓިލޭޓަރު ފައިސާ ޖަމާވީ "ބާމުޑާ ޓްރައިންގަލް" ގައި އޮތް އެކައުންޓަކަށް ކަމަށާ ވެންޓިލާޓަރު މައްސަލައިގައި އުންސުރު ހަމަ ނުވާނެ ކަމަށެވެ. އަދި އުންސުރު ހަމަވެއްޖެނަމަ ދައުލަތުގެ އިތުރު ދެ މިނިސްޓަރަކާއި ރައީސްއޮފީހުގެ ޗީފް އޮފްސްޓާފްގެ ހަމައަށް އުންސުރު ފޯރާނެ ކަމަށެވެ.
"ރައްޔިތުންނަށް ވާނުވާ އެބައެނގޭ،" ތޯރިގްގެ ޓްވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.
ހެލްތު މިނިސްޓްރީއަށް ވެންޓިލޭޓަރުގެ ގަތުމުގައި ކޮރަޕްޝަން ހިމެނުނު މައްސަލާގައި 11 ފަރާތަކަށް ދައުވާ ކުރަން ކުރިން ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަހުން ނިންމީ ދައުވާ ނުކުރާށެވެ. އަދި އެ ނިންމުން ރިވިއު ކުރަން އެދުމުން އެ ނިންމުން ބަދަލު ނުކުރާނެކަން ޕީޖީ އޮފީހުން އޭސީސީއަށް މިހާރު ވަނީ އަންގާފައެވެ.
ވެންޓިލޭޓަރުގެ މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން އެންމެ ފަހުން ވާހަކަ ދެއްކީ މީގެ މަހެއްހާ ދުވަސް ކުރިން ނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު ޝަމީމް އޭރު ވިދާޅުވީ އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށާއި އަދި އިތުރު މައުލޫމާތުތަކެއް ވެސް މިހާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް މިހާތަނަށް ދީފައެއް ނުވެއެވެ.
ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރިޔަސް މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވެސް ދީފަ އެވެ.
ވެންޓިލޭޓަރު މައްސަލާގައި އޭސީސީންވެސް ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާ މައްސަލަ ނިންމާފައިވެއެވެ. ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ ގާބިލް ކަމާމެދު ސުވާލު އުފެދިފައިވާ އޭސީސީންވެސް ފުރަތަމަ ނިންމީ ވެންޓިލޭޓަރު ގަތުމުގައި މައްސަލައެއް ނެތް ކަމަށެވެ. އެކަމުގައި މައްސަލައެއް އޮތް ކަމަށް ނިންމާ ދައުވާކުރަން ފޮނުވީ ސިޔާސީ ބޭފުޅުން އެކަން ފެންމަތިކޮށް އޭސީސީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރި ފަހުންނެވެ.