ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކީ ފެބްރުއަރީ 7، 2012 ގެ ބަދަލު ހިފުމެއް ކަމަށާ ފުލުހުންނަށް ފަހު އެމްޑީޕީގެ ބަދަލު ހިފުން ދެން އަމާޒުވާނީ ސިފައިންނަށް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވިސްނުމާއި އެއްގޮތައް އެކުލަވާލާފައި އޮތް ފުލުހުންގެ ބިލް ފާސްކޮށްފައި ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭގަ އެވެ. އެ ބިލްގައިވާ ގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ. މިއީ ބިލް މަޖިލީހަށް ހުށައެޅި އިރު އޮތް އިސްލާހެއް ވެސް ނޫނެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މި މާއްދާ ހިމަނަން ހުށައެޅީ ބިލް ފާސް ކުުރުމުގެ މަދު ގަޑިއިރުތަކެއް ކުރިންނެވެ.
އެ ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވާ މެންބަރު ސައީދު ވިދާޅުވީ އެ ބިލް ފާސްކުރީ ވަކިވަކި ފުލުހުންތަކެއްގެ ކިބައިން ބަދަލު ހިފުމަށް ކަމަށެވެ. އެއީ ރަައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ހާދިސާ ގުޅުވައި ކުރަން އުޅޭ ކަމެއްގެ ގޮތުގައިވެސް ސައީދު ސިފަ ކުރެއްވިއެވެ.
"ފުލުހުންނަށްފަހު އެމްޑީޕީގެ ބަދަލު ހިފުން ދެން އަމާޒުވާނީ ދިވެހި ސިފައިންނަށް،"
ސައީދު ވިދާޅުވީ މި ބިލަކީ ހަސަދައިގެ ތެރެއިން ފާޅުވާ ނުރައްކާތެރި ނިންމުންތަކެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ދައުވާކުރާއިރު އެކަމާއި ގުޅިގެން ތުހުމަތު ކުރެވުނު ބޮޑުން ތިބީ އެމްޑީޕީގެ މި ސަރުކާރުގައި ކަމަށް ވިދާޅުވިއެވެ.
ސައީދު އެ އިޝާރާތް ކުރައްވަނީ ނަޝީދުގެ ވެރިކަމާއި ދެކޮޅަށް ކުރެވުނު މުޒާހަރާތަކުގައި މިހާރުގެ ސަރުކާރުގެ ބައިވެރިންގެ ގޮތުގައި އޮތް ތިން ޕާޓީން ބައިވެރިވި ބައިވެރިވުމަށެވެ. ވެރިކަން ބަދަލުކުރުމުގެ އަޑީގައި ހުންނެވީ ރައީސް މައުމޫން ކަމަށާ ބަޣާވާތަށް ފަންޑު ކުރެއްވީ ގާސިމް އިބްރާހިމް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި މުޒާހަރާތައް ލީޑްކޮށް ސަރުކާރާ ދެކޮޅަށް ރައްޔިތުން ނެރުމުގައި އިސްކޮށް ހުންނެވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. މި ތިން ބޭފުޅުންނަކީ މި ސަރުކާރުގެ އިސް ލީޑަރުންނެވެ.
"ރައީސް ނަޝީދު ވެރިކަމުން ދުރުކަން ވެއްޖެ ކަމަށް ބުނީ މިއަދު އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު. ފެބްރުއަރީ ހަތެއްގައި ޖުމްހޫރީ މައިދާނުގައި ފެނުނު ބޮޑުން މި ސަރުކާރު ކޯލިޝަންގައި. ބަދަލު ހިފޭނެ ބާ؟ ނަން ވާނީ ފުލުހުންނާއި ސިފައިން،" ރައީސް ސޯލިހާއި އިމްރާން އަދި ސަލާމަތީ ހިދުމަތްދޭ ދެ މުއައްސަސާއަށް ޓެގް ކޮށް ސައީދު ވިދާޅުވިއެވެ.