ހޮލީވުޑް

ބިޔޮންސޭ މިފަހަރު ބަލިވެއިނީ އެއްމާބަނޑު ދެކުދިންނަށް

Feb 2, 2017
1

އެމެރިކާގެ މަޝްހޫރު އާރު އެންޑް ބީ އަދި ޕޮޕް ލަވަކިޔުންތެރިޔާ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެއިން ކަން އިއުލާންކޮށްފައިވަނީ އިއްޔެ އެވެ.

އެ ދެމަފިރިންގެ އުފާވެރި ހަބަރު މުޅި ދުނިޔެ އާއި ހިއްސާ ކުރަމުން ބުނެފައިވަނީ އެމީހުންގެ އާއިލާ ދެ ގުނަ ބޮޑުވެ، އުފާވެރިކަން ވެސް ބޮޑުވެފައިވާ ކަމަށެވެ.

ބަނޑު ބޮޑުވިކަން އިއުލާންކޮށް، ބިޔޮންސޭ ގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓްގައި ބުދަ ދުވަހުގެ ހަވީރު ޕޯސްޓް ކޮށްފައިވާ ފޮޓޯއިން ފެންނަނީ މަޑުފެހި ކުލައިގެ ވެއިލް އަކުން ބޯނިވާކޮށް ބަނޑުގައި އަތްޖައްސާލައިގެން އިށީންދެ އިންނަ މަންޒަރެވެ.

އުމުރުން 35 އަހަރުގެ ގެ ބިޔޮންސޭ އާއި ލަވަކިޔުންތެރިޔާ ޖޭޒީ އަށް އިތުރު ދެކުދިން ލިބުމުގެ އުފާވެރި ހަބަރު އިއުލާން ކޮށްފައިވާއިރު، އެ ދެމީހުންގެ ފުރަތަމަ ދަރިފުޅު ބުލޫ އައިވީ ކާޓާއަށް ޖެނުއަރީ ހަތް ވަނަ ދުވަހު ވަނީ ފަސް އަހަރު ފުރިފަ އެވެ. ބިޔޮންސޭއަށް ބްލޫ އައިވީ ލިބުމުގެ ކުރިން ވަނީ ބަލިވެ އިނދެ، ވަކި ހިސާބަކުން ބަނޑުގެ ތެރެއަށް ދަރިފުޅު މަރުވެފަ އެވެ.

ބިޔޮންސޭ މިފަހަރު ބަނޑުބޮޑުވި ކަން ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި ފޮޓޮއަކުން އިއުލާން ކޮށްފައިވާއިރު، ބްލޫ އައިވީ އަށް ބަނޑުބޮޑުވި ކަން 2011 ވަނަ އަހަރު އިއުލާން ކޮށްފައިވަނީ އެފަހަރުގެ އެމްޓީވީ އެވޯޑް ހަފްލާތެރޭ ސްޓޭޖްމަތީގައި ހުރެ އެވެ.

ޖޭޒީ އާއި ބިޔޮންސޭ ކައިވެނި ކޮށްފައިވަނީ 2008 ވަނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު އެވެ.

މިމަހު އޮންނަ ގްރެމީ އެވޯޑްގައި ނުވަ ކެޓަގެރީ އަކުން ބިޔޮންސޭގެ ނަން ވަނީ ނޮމިނޭޓްވެފަ އެވެ. މިއީ ގްރެމީގެ ތާރީހުގައި ވެސް އަންހެނަކު މިހާ ގިނަ ކެޓަގެރީ އަކަށް ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ.