ހަބަރު

ކެންސާ ސޮސައިޓީއަށް ބީއެމްއެލްއިން 30،000 ރުފިޔާގެ އެހީ

Feb 4, 2017

ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް 30،000 ރުފިޔާގެ އެހީއެއް ދީފިއެވެ. މި އެހީ ދީފައިވަނީ ކެންސަރު ދުވަސް ފާހަގަކުރުމަށް ސީއެސްއެމް އާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ހެންވޭރު ދަނޑުގައި މިއަދު ބޭއްވި ސްޕޯޓްސް ފެސްޓިވަލްގައެވެ.

"#ވީކޭންއައިކޭން ސަޕޯޓް ތުރޫ ސްޕޯޓް" ޝިއާރުގެ ދަށުން އާންމުންނަށް ހުޅުވާލައިގެން މިއަދު ބޭއްވި އިވެންޓްގައި، ތަފާތު ދިހަ ކުޅިވަރު ހަރަކާތެއް ހެންވޭރު ދަނޑުގައި ކުރިޔަށް ގެންގޮސްފައިވެއެވެ. ކުޅިވަރުތައް އިންތިޒާމްކޮށްފައިވަނީ އެކުޅިވަރެއްގެ ގައުމީ އެސޯސިއޭޝަނާއި މި ހަރަކާތުގައި އެސޯސިއޭޝަނެއް ސްޕޮންސަކޮށްފައިވާ އެކުންފުނީގެ ފަރާތުންނެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ސްޕޮންސަކޮށްފައިވަނީ މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނެވެ. މިކުޅިވަރު ހަރަކާތުގައި ރާއްޖޭގެ ޕްރޮފެޝަނަލް ޓޭބަލް ޓެނިސް ކުޅުންތެރިންނާއި އާންމުން ބައިވެރިވެފައިވެއެވެ. ބީއެމްއެލްއިން ވަނީ ބައިވެރިން ޖެހި ކޮންމެ ޓީޓީ ބޯޅައެއްގެ އަދަދަށް ސީއެސްއެމްއަށް ފައިސާގެ އެހީ ފޯރުކޮށްދީފައެވެ. މިއެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާއިން ކުރިޔަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރޭވުމަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވަނީ މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ސީއެސްއެމްގެ ޗެއާޕާސަން ޖުވޭރިޔާ ސައީދު އާ އެކު ޓޭބަލް ޓެނިސް ގޭމެއް ކުޅެފައެވެ.

ކުޅިވަރު ފެސްޓިވަލްގައި ވާހަކަ ދައްކަވަމުން އެންޑްރޫ ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމަށް ބޭއްވި މި ހަރަކާތުގައި ބައިވެރިވެ އެހީ ފޯރުކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ކުޅިވަރުގެ ތެރެއިން އެހީވުން މިއީ ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަމާއި ސިއްހީގޮތުން ދުޅަހެޔޮގޮތަކަށް ދިރިއުޅުން ބައްޓަންކުރުމަށް އާންމުން ހޭލުންތެރިކުރެވިދާނެ ވަރަށް ރަނގަޅު ގޮތެއް. އަޅުގަނޑުމެން މިދަނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ތެރެއިން މަދަނީ ޖަމިއްޔާތަކާ ގުޅުން އިތުރަށް ބަދަހިކުރަމުން. އަދި ހާއްސަކޮށް މިފަދަ މުހިންމު ދާއިރާއަކަށް އެހީ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް." ހީލީ ވިދާޅުވި އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.