ވިޔަފާރި

ބޮޑެތި ޑިސްކައުންޓްތަކާ އެކު އެސްޓީއޯ ޗޮކްލެޓް ފެސްޓް ފަށައިފި

އެސްޓީއޯ ޗޮކްލެޓް ވީކް ގެ ނަމުގައި އެސްޓީއޯ އިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޗޮކްލެޓްގެ ބޮޑު އީދު ޗޮކްލެޓް ވީކް، މިއަހަރު ޗޮކްލެޓް ފެސްޓްގެ ނަމުގައި މިއަދު ފަށައިފި އެވެ. މިއީ އެސްޓީއޯ އިން މި ޕްރޮމޯޝަން ކުރިއަށް ގެންދާ 10 ވަނަ އަހަރެވެ.

މި ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެސްޓީއޯ ގެ އެފްއެންބީ ޑިޕާޓްމެންޓްގެ ހެޑް ފާތިމަތު އާޝާން އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޝާން ވިދާޅުވީ މި ޕްރޮމޯޝަނަށް 10 އަހަރު ވެފައިވާ އިރު އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. އަދި އެސްޓީއޯ އާ ގުޅިގެން ކޮންމެ އަހަރަކުވެސް މި ޕްރޮމޯޝަންގައި ބައިވެރިވާ ކުންފުނިތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ރާއްޖެއަށް ޗޮކްލެޓް އެތެރެކޮށް މާކެޓްކުރާ ހަ ކުންފުންޏަކާއި ގުޅިގެން ކުރިއަށް ގެންދާ މި ފެސްޓް މިއަދުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. މި ފެސްޓްގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ޔޫރޯ، ވީބީ، ސިމްޑީ، ގޯލްޑަން ލޭން، ހެޕީމާކެޓް އަދި ސީންކޯ އެވެ.

ދުއިސައްތަ ފަންސާސް ރުފިޔާއިން މަތީގެ ޗޮކްލެޓް ވިޔަފާރި ކޮށްގެން ބައިވެރިވެވޭ ހާއްސަ ލަކީޑްރޯއެއްވެސް ޕްރޮމޯޝަންގެ ތެރޭގައި ކުރިއަށް ދާނެ އެވެ. އެ ލަކީޑްރޯއިން ގުރުއަތުން ހޮވޭ ހަ ފަރާތަކަށް ގިނަ ވައްތަރުގެ ޗޮކްލެޓްތައް ހިމެނޭ ގިފްޓް ހެމްޕާއެއް ލިބޭނެ އެވެ.

ބޮޑެތި ޑިސްކައުންޓު ތަކާއެކު ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ޗޮކްލެތްތައް އަދި ފެސްޓަށް ހާއްސަކޮށްގެން އެތެރެކޮށްފައިވާ އާ ބްރޭންޑްތަކުގެ ޗޮކްލެޓްތައް ހެޔޮ އަގުގައި ލިބެން ހުންނާނެ އެވެ.

މި ޗޮކްލެޓް ފެސްޓުގައި ކަސްޓަމަރުންނަށް ހިލޭ ޗޮކްލެޓް ރަހަ ބެލޭނެ އެވެ. އަދި ބައެއް ސްޓޯލްތަކުން ވިޔަފާރި ކުރުމުން ހިލޭވެސް ޗޮކްލެޓް ލިބޭއިރު ބޮޑެތި އިނާމްތައްވެސް ލިބޭނެ އެވެ. އަދި ބައެއް ސްޓޯލްތަކުން ބޮޑެތި އިނާމްތައް ލިބޭ ލަކީ ޑްރޯވެސް ވަނީ ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި ރިސޯޓް ދަތުރުތައްވެސް ހިމެނެ އެވެ.