ދުނިޔެ

ކަންނެތް މުވައްޒަފުންނަށް ބޭއްވި ބައްދަލުވުމުގައި ނިދުމުން އަދަބުދީފި

Feb 10, 2017

ޗައިނާގެ ހުބެއި ޕްރޮވިންސްގައި ، ކަންނެތް މުވައްޒަފުން މަސައްކަތަށް ޝައުގުވެރިކުރުވާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ނިދި އޮފިޝަލުންތަކަކަށް އަދަބުދީފި އެވެ.

ޗައިނާގެ ސްޓޭޓް މީޑިއާ ހުބެއި ޕްރޮވިންސްގެ ސަރަހައްދީ ސަރުކާރުން ވަނީ ރޮއިޓާސް އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.

ހުބެއި ޕްރޮވިންސްގެ ޒިޔާންގިޔަން ސިޓީގެ ކޮމިއުނިސްޓް ޕާޓީ ޑިސިޕްލިން ބިއުރޯ އިން މެދު ފަންތީގެ އެ އޮފިޝަލުންގެ ނަންތައް ހާމަކޮށް، އަދަބެއްގެ ގޮތުން އެ އޮފިޝަލުންނަށް އެންގީ ރައްޔިތުންގެ ކިބައިން މައާފަށް އެދި ލިޔުންތައް އާންމު ކުރުމަށެވެ. ބައްދަލުވުމުގައި އެމީހުން ނިދާފައި ތިބި މަންޒަރު ފެންނަ ފޮޓޯތަކަށް ޗައިނާގެ މީޑިއާތަކުން ފާއިތުވި ދެދުވަހު ވަނީ ބޮޑު ސަމާލުކަމެއް ދީފަ އެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރުމާއި ހިޔާނާތާ ދެކޮޅަށް ޗައިނާގެ ރައީސް ޝީޖިންޕިން ގެންދަވަނީ ވަރުގަދަ ކެމްޕޭނެެއް ހިންގަވަމުންނެވެ. އެގޮތުން ވަރަށް މަތީ ފެންވަރުގެ އޮފިޝަލުންނާ ދެކޮޅަށް ވެސް ޝަރީއަތްތައް ހިންގައި އަދަބުތައް ދީފައި ވެއެވެ.