ދުނިޔެ

ޕާކިސްތާނުގައި ބޮމެއް ގޮއްވާލައި ގިނަ ބަޔަކު މަރާލައިފި

Feb 14, 2017

ޕާކިސްތާނުގެ މައި ޝަހަރެއް ކަމަށްވާ ލާހޯރުގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 13 އަށް ވުރެ ގިނަމީހުން މަރުވެ 83 މީހުން ޒަހަމްވެއްޖެއެވެ.

ޕާކިސްތާނުގައި ބޭސްވިއްކުމުގެ ގަވާއިދަށް ގެނައި ބަދަލަކާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ފާމަސިސްޓުން ތަކެއްގެ ތެރެއަށް، ގައިގައި ބޮން ހަރުކޮށްގެން ސައިކަލެއްގައި ދިޔަ މީހަކު ދިން އެހަމަލާގެ ޒިންމާ އެގައުމުގެ ޓެރަރިސްޓް ޖަމާއަތަކުން ވަނީ އުފުލާފައެވެ. ޕާކިސްތާނުގެ ތާލިބާން ޖަމާއަތާ ގުޅުން އޮންނަ ޖަމާއަތުލް އަހުރާރު ނަމަކަށް ކިޔާ އެޖަމާއަތުން ބުނެފައި ވަނީ އިއްޔެ ދިން ހަމަލާއަކީ އެފަދަ ހަމަލާތަކުގެ ފެށުމެއް ކަމަށެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ ބޮމުގެ ހަމަލާ ދީފައި ވަނީ ލާހޫރުގައި ހުންނަ ޕަންޖާބް އެސެމްބްލީ ބިލްޑިންގެ ކުރިމަތީގައި ކަމަށެވެ.
ޕަންޖާބްގެ އިންސްޕެކްޓާ ޖެނެރަލް އޮފޮ ޕޮލިސް މުޝްތާގު ސުޚެރާ އަލްޖަޒީރާއަށް ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާ އައީ މުޒާހަރާ ކުރި މީހުންނާ ފުލުހުންނާ ދެމެދު ކާމިޔާބުކަމާއި އެކު މަޝްވަރާތައް ކުރަމުން ދިޔަ ވަގުތެއްގައި ކަމަށެވެ. އަދި އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފަސް ފުލުހުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ހަމަލާގެ ސަބަބުން ޒަހަމްވީ މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވާއިރު އޭގެ ތެރެއިން ގިނަ ބައެއްގެ ހާލު ސީރިއަސް ކަމުން، މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.