ދުނިޔެ

ކެނެޑާގެ ބޮޑުވަޒީރު އެމެރިކާގެ ރައީސްއާ ބައްދަލުކުރައްވައިފި

Feb 14, 2017

ކެނެޑާ ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ ގިނަ ސިޔާސަތު ތަކެއް ގެންގުޅުއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަރިހަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިއްޔެ ޒިޔާރަތްކުރައްވައިފިއެވެ.

ރެފިއުޖީންގެ މައްސަލައާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ޓްރަމްޕްގެ ސަރުކާރާއި ޓްރޫޑޯގެ ސަރުކާރާ މެމެދު އޮތް ބޮޑެތި ހިޔާލުތަފާތުވުންތަކާއި އެކުގައި ވެސް އިއްޔެގެ ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ސުލްހަވެރިކޮށް ކަމަށް ނިއުޔޯކްޓައިމްސް އިން ބުންޏެވެ.
ރެފިއުޖީން އެމެރިކާއަށް އެތެރެވިޔަ ނުދިނުމަށް ޓްރަމްޕް މަސައްކަތްކުރައްވަމުން ގެންދަވާއިރު ޓްރޫޑޯ ވަނީ ކެނެޑާއަކީ ރެފިއުޖީންނަށް ފަސޭހަ ތަނަކަށް ހައްދަވާފަ އެވެ.

ޓްރަމްޕާއި ޓްރޫޑޯ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް ގައި ބޭއްވި ގުޅިފައިވާ ނިއުސްކޮންފަރެންސްގައި، "ކެނެޑާއާއި އެމެރިކާއާއި ދެމެދު އޮންނަ ސަރަހައްދީ ރޮނގަކީ ރައްކާތެރި ނޫން ސަރަހައްދީ ރޮނގެއް ކަމަށް މިހާރު ދެކެވަޑައިގަންނަވަންތޯ؟" ކުރި ސުވާލަށް ޓްރަމްޕް ޖަވާބެއް ނުދެއްވަ އެވެ. އަދި މީހުން ހިޖުރަކުރުން ހުއްޓުވުމަށް ޓްރަމްޕް ނެރުއްވާފައިވާ ގަރާރަށް ރުހިވަޑައިގަންނަވަންތޯ ކުރި ސުވާލަށް ޓްރޫޑޯ ވެސް ޖަވާބެއް ނުދެއްވަ އެވެ.

ކެނެޑާގެ ބޮޑުވަޒީރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެންމެ އިސްކަން ދެއްވި ކަމަކީ އެމެރިކާއާއި ކެނެޑާއާ ދެމެދު އޮންނަ ވިޔަފާރިއާއި އިގުތިސާދީ ގުޅުން ކުރިއްސުރެ އޮތް ގޮތަށް ދެމެހެއްޓުމެވެ. ޓްރޫޑޯ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އަރިހުގައި ގެންދެވި މިނިސްޓަރުން އެމެރިކާގެ މިނިސްޓަރުންނާއި އެކު ބައްދަލުވުންތައް ބާއްވާނެއެވެ. އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރާނީ ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނެވެ.