ޖޯޖިއާގެ އޮތޯޑޮކްސް ކްރިސްޓިއަނުންގެ އެންމެ އިސް ފާދިރީ އިލިއާ ދެވަނަ މަރައިލަން ރޭވި ކަމުގެ ތުމަތަށް އެގައުމުގެ ފާދިރީއަކު ހައްޔަރުކޮށްފި އެވެ.
ޑީކަން ޖިއޯޖީ މަމަލާޒް ނަމަކަށް ކިޔާ ފާދިރީ ހައްޔަރުކުރީ ޖަރުމަނުގައި މިހާރު ހުރި އިލިއާ ދެވަނައަށް ޒިޔާރަތް ކުރުމަށްޓަކައި ޖަރުމަނަށް ފުރަން ވެގެން ޖޯޖިއާގެ ވެރިރަށް ޓްބިލީސީގެ އެއާޕޯޓަށް ގޮސް ހުއްޓައެވެ. އޭނާ ހައްޔަރު ކުރީ އޭނާގެ ފޮށިތަންމަތި ފާސްކުރުމުގެ ތެރޭގައި ޒަހަރެއް ފެނިގެންނެވެ.
މަމަލާޒީ ހައްޔަރުކޮށްފައި ވަނީ މިހިނގާ ފެބްރުއަރީމަހުގެ 10 ވަނަ ދުވަހު ކަމަށް ޖޯޖިއާ އޮފިޝަލުންނާ ހަވާލާދީ ދަ ގާޑިއަން ނޫހުން އިއްޔެ ބުންޏެވެ.
ޖޯޖިއާގެ ޕްރޮސެކިއުޓާ ޖެނެރަލް އިރަކްލީ ޝޮޓާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ ޖޯޖިއާގެ އޮތޯޑޮކްސް ޗާޗްގެ ޕްރޮޕަޓީ ޑިޕާޓްމަންޓްގެ ޑައިރެކްޓަރެއްގެ މަގާމުގައި ހުރި މަމަލާޒީ ހައްޔަރު ކުރި އިރު އޭނާ އުޅެނީ އޮޕަރޭޝަނަކަށް ފަހު ފަރުވާ ހޯދަމުން އަންނަ އިލިއާ ދެވަނައަށް ޒިޔާރަތް ކުރުމަށް ޖަރުމަނަށް ދާން ކަމަށެވެ.
ނަސޯރާ ދީނުގައި ވަރުގަދަ އަށް ހިފަހައްޓާ އާބާދީއެއް އޮންނަ ޖޯޖިއާގެ ރައްޔިތުންނަށް އެހާދިސާގެ ސަބަބުން ވަނީ ސިހުމެއް ލިބިފައެވެ.
"އަހަރެމެން މިހުއްޓުވީ ބޮޑު މުސީބާތެއް. އަހަރެމެންގެ ގައުމާ ދެކޮޅަށް ހިންގަން އުޅުނު ބޮޑު ޖަރީމާއެއް. އަހަރެމެންގެ ޗާޗާ ދެކޮޅަށް ހިންގަން އުޅުނު ނުރައްކާތެރި ޖަރީމާއެއް ހުއްޓުވިއްޖެ،" މަމަލާޒް ހައްޔަރު ކުރި ހާދިސާއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖޯޖިއާގެ ބޮޑުވަޒީރު ޖިއޯޖީ ކްވިރިކާޝްވިލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިލިއާ ދެވަނަ ހިމާޔަތް ކުރަން ބޮޑުވަޒީރުގެ ސެކިއުރިޓީ އެޖެންޓުންގެ ތެރެއިން ބަޔަކު މިހާރު ޖަރުމަނަށް ފޮނުވާފައިވާ ކަމަށެވެ.
މަމަލާޒީގެ ތަހުގީގު ކުރަން ފެށީ އޭނާ ޒަހަރު ގަންނަން ވާހަކަ ދެއްކި ކަމަށް ބުނާ މީހަކު ޖޯޖިއާގެ ކަމާ ބެހޭ ފަރާތްތަކަށް އެކަން އެންގުމުންނެވެ.