ދުނިޔެ

އުތުރުކޮރެއާ ލީޑަރުގެ ބޭބެ އަވަހާރަކޮށްލީ ލީޑަރުގެ އަމުރަށް؟

Feb 15, 2017

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް އަވަހާކޮށްލީ މަކާއޯއަށް ވަޑައިގެންނެވުމަށްޓަކައި މެލޭޝިއާގެ ކުއާލަލަމްޕޫރު އެއާޕޯޓުގައި އުޅުއްވަނިކޮށެވެ.

އޭނާ އަވަހާރަކޮށްލި ގޮތާ ބެހޭ ގޮތާއި ބެހޭ ގޮތުން މެލޭޝިއާއައި ދެކުނު ކޮރެއާގެ ނޫސްތަކުން ހަބަރު ފަތުރާފައި ވަނީ ތަފާތު ގޮތް ގޮތަށެވެ. ބައެއް ހަބަރުތަކުގައި ބުނެފައިވާ ގޮތުގައި އޭނާ އަވަހާރަކޮށްލީ ވިހަ ކެމިކަލެއް މޫނުފުޅަށް ޖަހައިގެންނެވެ. އަނެއް ބައި ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އަވަހާރަކޮށްލީ ވިހަލާފައިވާ ތިނޯހެއް ހަރާލައިގެންނެވެ.

ކިމްޖޮން ނަމް އަވާހަރަކޮށްލި ހާދިސާ މެލޭޝިއާ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ. އޭނާއަށް ހަމަލާދިން ކަމަށް ބެލެވޭ އަންހެނުންތަކެއް ހޯދަން ފުލުހުން ވަނީ މަސައްކަތް ފަށާފައެވެ. ތަހުގީގު އަދި ނުނިމުނަސް އުތުރު ކޮރެއާ ސަރުކާރުގެ ހަތުރެއް ކަމަށްވާ ދެކުނު ކޮރެއާއިން ދެކޭ ގޮތުގައި އޭނާ އަވަހާރަކޮށްލީ އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން އުންގެ އަމުރުފުޅަށް ކަމަށް ވުން ގާތެވެ.

ދެކުނުކޮރެއާގެ ރައީސާ މަގާމުން ދުރުކުރުމުގެ ކަންތައް ކުރިއަށް ދާތީ ވަގުތީ ގޮތުން ރައީސްކަމުގެ ޒިންމާތައް އުފުއްލަވަމުން ގެންދަވާ ބޮޑުވަޒީރު ހްވާން ކްޔޯ އާން މިއަދު ވަނީ ސަލާމަތީ ކަންކަމާ ގުޅުން ހުރި ދާއިރާތަކުގެ މިނިސްޓަރުންނާއި އެކު ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި ކިމް ޖޮން ނަމް އަވަހާރަކޮށްލި ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމަށް އޭނާ ވަނީ މިނިސްޓަރުންނަށް އަންގަވާފައެވެ.

" އޭނާ އަވަހާރަކޮށްލީ ކިމް ޖޮން އުންގެ ވެރިކަމުގެ ފަރާތުން ކަމަށް ވެއްޖެ ނަމަ އެކަން ވާނީ އެ ވެރިކަމުގެ އިންސާނިއްޔަތުކަމެއް ނެތްކަމުގެ މިސާލަކަށް،" ހްވާން ވިދާޅުވި ކަމަށް ނިއުޔޯކްޓައިމްސްގެ ހަބަރުގައި ވެއެވެ.

އުތުރުކޮރެއާގެ މަޝްރަހު ދިރާސާ ކުރާ މާހިރުން ދެކެނީ ކިމް ޖޮން ނަމް އަވަހާރަކޮށްލީ ލީޑަރު ކިމްޖޮން އުންގެ އަމުރަށް ކަމަށް ނުވެއެއް ނުދާނެ އެވެ.
"ކިމް ޖޮން ނަމް އުޅުއްވީ ވެރިކަމަށް ނުވަތަ އާއިލާއާ ހިލާފަށް ކޮންމެވެސް ބޮޑު ކަމެއް ކުރައްވަން ކަމަށް ވެދާނެ،" ޖޯންސް ހޮޕްކިންސް ސްކޫލް އޮފް އެޑްވާންސްޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ޔޫއެސް-ކޮރެއާ އިންސްޓްޓިއުޓްގެ ޑައިރެކްޓަރު ޖައި އެޗް ކޫ ނިއުޔޯކްޓައިމްސްއަށް ވިދާޅުވެފައި ވެއެވެ.
އޭނާ އަވަހާރަކޮށްލަން ކިމް ޖޮން އުން އަމުރު ކުރައްވާނެ ސަބަބެއް ކަމަށް މާހިރުން ދެކެނީ ޗައިނާއިން މާ ބޮޑަށް އޭނާއަށް ތާއީދުކުރާތީ އޭނާ ވެރިކަމަށް ގެނައުމަށް އެގައުމުން މަސައްކަތް ކޮށްފާނެ ކަމަށް ޓަކައެވެ. އުތުރުކޮރެއާގެ ކުރީގެ ލީޑަރު ކިމްޖޮން އިލް 2011 ވަނަ އަހަރު އަވަހާރަވުމުން އޭނާގެ ހަގު ދަރިކަލުން ކިމް ކޮން އުން އެމަގާމަށް ވަޑައިގެންނެވުމުން ކިމް ޖޮން ނަމް ވަނީ ފާޅުގައި އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

އޭގެ ފަހުން އޭނާ ގިނައިން އުޅުއްވާފައި ވަނީ މަކާއޯގައެވެ. އޭނާއަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އައީ ޗައިނާއިންނެވެ.
ކިމް ޖޮން ނަމް އަވަހާރަކޮށްލާފައި މިވަނީ އުތުރުކޮރެއާއިން ކުރި މިސައިލް ޓެސްޓްތަކަކާ ގުޅިގެން ޗައިނާއިން ނުރުހިފައިވާ ވަގުތެއްގައެވެ. – ނިއުޔޯކް ޓައިމްސް