ދުނިޔެ

ޗައިނާއިން އުފެއްދި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭންގެ ދަތުރުތައް ފަށަނީ

Feb 15, 2017
1

ޗައިނާއިން އުފައްދާފައިވާ ' ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން( ކަނޑަށް ތިރިކުރާ މަތިންދާބޯޓް)' ގެ އިންޖީނުތައް ޓެސްޓްކޮށް ނިމިފައިވާ ކަމަށާއި އެ ބޯޓްގެ ފުރަތަމަ ދަތުރު މިއަހަރު ދެބައިވުމުގެ ކުރިން ކުރާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

އޭޖީ 600 ގެ ނަންދީފައިވާ އެ މަތިންދާ ބޯޓް އުފެއްދީ ޗައިނާ ސަރުކާރުގެ ކުންފުންޏެއްކަމަށްވާ އޭވިއޭޝަން އިންޑަސްޓްރީ ކޯޕަރޭޝަން އޮފް ޗައިނާ ( އޭވީއައިސީ) އިންނެވެ. ބޯއިން 737 މަރުކާގެ މަތިންދާބޯޓްތަކާއި ދާދި އެއްވަރުގެ ބޮޑުމިނެއްގައި އެ ބޯޓް އުފެއްދުމަށް އޭވީއައިސީ އިން ވަނީ އަށް އަހަރު ހޭދަކޮށްފައެވެ. އެބޯޓް އުފައްދައި ނިންމައި، ފުރަތަމަ ދައްކާލީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. ޗައިނާ ސަރުކާރުން އޭރު ބުނެފައި ވަނީ އެއީ ޖަންގަލިތަކުގައި ރޯވާ އަލިފާން ނިއްވުމަށާއި ހާލުގައި ޖެހޭ މީހުން ސަލާމަތް ކުރުން ފަދަ ކަންކަމުގައި ބޭނުން ކުރަން އުފެއްދި ބޯޓެއް ކަމަށެވެ.

އޭޖީ 600 އަކީ 4500 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވޭ 53.5 ޓަނުގެ ބުރަދަން އުފުލޭ ގޮތަށް އުފައްދާފައިވާ މަތިންދާބޯޓެކެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ޗައިނާއިން ކުރާ މިލްކުވެރިކަމުގެ ދައުވާއާ ގުޅިގެން ދުނިޔޭގެ ބައެއް ބޮޑެތި ބާރުތަކާއި އެގައުމާ ދެމެދު އަރައިރުން އުފެދުނު ފަހުން ޗައިނާއިން ވަނީ ސަލާމަތީ ދާއިރާއިންނާއި އޭވިއޭޝަން ދާއިރާއިން ގިނަ ހޯދުންތަކެއް ހޯދައި، އާ އުފެއްދުންތައް އުފައްދާފައެވެ. - ރޮއިޓާސް