އުތުރުކޮރެއާގެ ލީޑަރުގެ ބޭބެ ކިމް ޖޮން ނަމް މަރައިލިކަމުގެ ތުހުމަތަށް މެލޭޝިޔާގައި ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
މެލޭޝިޔާގެ އިންސްޕެކްޓާ ޖެނެރަލްއާ ހަވާލާދީ އެގައުމުގެ ސަރުކާރުގެ ނިއުސް އެޖެންސީ ބެރްނާމާއިން ބުނީ އެމައްސަލައިގައި ފުރަތަމަ ހައްޔަރު ކުރި އަންހެންމީހާ މިއަދުގެ ވަގުތެއްގައި ކޯޓަށް ގެންދާނެ ކަމަށާއި އޭނާގެ ބައިވެރިން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ހައްޔަރުކުރި ދެ އަންހެނުންނާ ބެހޭ ތަފުސީލެއް މެލޭޝިއާ ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެކަމާ ބެހޭ ރަސްމީ ބަޔާނެއް ނެރޭނެ ކަމަށް އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޚާލިދު އަބޫ ބަކުރު ބެރްނާމާ އަށް ވަނީ ވިދާޅުވެފައެވެ.
މެލޭޝިއާގެ އޮފިޝަލަކު ރޮއިޓާސް އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ކިމްޖޮން ނަމް މަރާލި ކަމުގެ ތުހުމަތަށް ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އޭނާއާ ކައިރީގައި އެއާޕޯޓް ތެރޭގައި އުޅެނިކޮށް ސީސީޓީވީ ކެމެރާތަކަށް އަރާފައިވާ އަންހެންމީހާއެވެ. އޭނާ ފެންނަ ފުޓޭޖްތައް މެލޭޝިއާގެ ނޫސްތަކުން ވަނީ އާއްމުކޮށްފައެވެ. ފުޓޭޖްތަކުން ފެންނަ ގޮތުގައި އޭނާ ހުރީ އެލްއޯއެލް ޖަހާފައިވާ ހުދުކުލައިގެ ޓީޝާޓެއް ލައިގެންނެވެ.
ތުރު ކޮރެއާ ސަރުކާރުގެ ހަތުރެއް ކަމަށްވާ ދެކުނު ކޮރެއާއިން ދެކޭ ގޮތުގައި އޭނާ އަވަހާރަކޮށްލީ އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން އުންގެ އަމުރުފުޅަށް ކަމަށް ވުން ގާތެވެ.
ދެކުނުކޮރެއާގެ ރައީސާ މަގާމުން ދުރުކުރުމުގެ ކަންތައް ކުރިއަށް ދާތީ ވަގުތީ ގޮތުން ރައީސްކަމުގެ ޒިންމާތައް އުފުއްލަވަމުން ގެންދަވާ ބޮޑުވަޒީރު ހްވާން ކްޔޯ އާން އިއްޔެ ވަނީ ސަލާމަތީ ކަންކަމާ ގުޅުން ހުރި ދާއިރާތަކުގެ މިނިސްޓަރުންނާއި އެކު ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި ކިމް ޖޮން ނަމް އަވަހާރަކޮށްލި ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމަށް އޭނާ ވަނީ މިނިސްޓަރުންނަށް އަންގަވާފައެވެ.
" އޭނާ އަވަހާރަކޮށްލީ ކިމް ޖޮން އުންގެ ވެރިކަމުގެ ފަރާތުން ކަމަށް ވެއްޖެ ނަމަ އެކަން ވާނީ އެ ވެރިކަމުގެ އިންސާނިއްޔަތުކަމެއް ނެތްކަމުގެ މިސާލަކަށް،" ހްވާން ވިދާޅުވި ކަމަށް ނިއުޔޯކްޓައިމްސްގެ ހަބަރުގައި ވެއެވެ.
އުތުރުކޮރެއާގެ މަޝްރަހު ދިރާސާ ކުރާ މާހިރުން ދެކެނީ ކިމް ޖޮން ނަމް އަވަހާރަކޮށްލީ ލީޑަރު ކިމްޖޮން އުންގެ އަމުރަށް ކަމަށް ނުވެއެއް ނުދާނެ އެވެ.
"ކިމް ޖޮން ނަމް އުޅުއްވީ ވެރިކަމަށް ނުވަތަ އާއިލާއާ ހިލާފަށް ކޮންމެވެސް ބޮޑު ކަމެއް ކުރައްވަން ކަމަށް ވެދާނެ،" ޖޯންސް ހޮޕްކިންސް ސްކޫލް އޮފް އެޑްވާންސްޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ޔޫއެސް-ކޮރެއާ އިންސްޓްޓިއުޓްގެ ޑައިރެކްޓަރު ޖައި އެޗް ކޫ ނިއުޔޯކްޓައިމްސްއަށް ވިދާޅުވެފައި ވެއެވެ.
އޭނާ އަވަހާރަކޮށްލަން ކިމް ޖޮން އުން އަމުރު ކުރައްވާނެ ސަބަބެއް ކަމަށް މާހިރުން ދެކެނީ ޗައިނާއިން މާ ބޮޑަށް އޭނާއަށް ތާއީދުކުރާތީ އޭނާ ވެރިކަމަށް ގެނައުމަށް އެގައުމުން މަސައްކަތް ކޮށްފާނެ ކަމަށް ޓަކައެވެ. އުތުރުކޮރެއާގެ ކުރީގެ ލީޑަރު ކިމްޖޮން އިލް 2011 ވަނަ އަހަރު އަވަހާރަވުމުން އޭނާގެ ހަގު ދަރިކަލުން ކިމް ކޮން އުން އެމަގާމަށް ވަޑައިގެންނެވުމުން ކިމް ޖޮން ނަމް ވަނީ ފާޅުގައި އެކަމަށް ފާޑު ވިދާޅުވެފަ އެވެ.
އޭގެ ފަހުން އޭނާ ގިނައިން އުޅުއްވާފައި ވަނީ މަކާއޯގައެވެ. އޭނާއަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އައީ ޗައިނާއިންނެވެ.
ކިމް ޖޮން ނަމް އަވަހާރަކޮށްލާފައި މިވަނީ އުތުރުކޮރެއާއިން ކުރި މިސައިލް ޓެސްޓްތަކަކާ ގުޅިގެން ޗައިނާއިން ނުރުހިފައިވާ ވަގުތެއްގައެވެ.