ދުނިޔެ

ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ސިޔާސަތު އެމެރިކާއިން ދޫކޮށްލައިފި

Feb 16, 2017

ފަލަސްތީނުގެ ދައުލަތެއް އޮންނަ ގޮތަށް މެދުއިރުމަތީގެ މައްސަލަ ހައްލުކުރުމަށް އެމެރިކާއިން ގެންގުޅުނު ސިޔާސަތު ' ޓޫ ސްޓޭޓް ސޮލިއުޝަން " އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް ދޫކޮށްލައްވައިފި އެވެ.

ޓްރަމްޕް ރައީސްކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާއަށް ކުރައްވާ ފުރަތަމަ ޒިޔާރަތުގައި އެގައުމަށް އިއްޔެ ވަޑައިގެންނެވި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެކު ބޭއްވެވި ނޫސްކޮންފަރެންސްގައި ޓްރަމް ވިދާޅުވީ އޭނާ ތާއީދުކުރައްވާނީ ފަލަސްތީނާއި އިސްރާއީލުން އެއްބަސްވާ ގޮތަކަށް ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ ދެދައުލަތް އޮތުން ވެސް އެއް ދައުލަތް އޮތުން ވެސް ރަނގަޅު ކަމަށާއި އެކަން ނިންމާނީ ފަލަސްތީނާއި އިސްރާއީލުން ކަމަށެވެ. އަދި އެދެފަރާތުން ނިންމާ ގޮތަކަށް އޭނާ ތާއީދުކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އެހެން ނަމަވެސް ޓްރަމްޕް ވިދާޅުވެފައި ވަނީ ފަލަސްތީނުމީހުންނާއި އިސްރާއީލާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމްކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަމަށް ޓަކައި ދެފަރާތުން ވެސް ދޫދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ފަލަސްތީނުމީހުންނާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމްކުރެވޭނެ ހަމަ އެކަނި ގޮތެއް ކަމަށް އެމެރިކާގެ ކުރީގެ ސަރުކާރުން ބުނަމުން އައީ ފަލަސްތީނު މީހުންނަށް ދައުލަތެއް ގާއިމްކޮށްދިނުން ކަމުގަ އެވެ.