ދުނިޔެ

ޔޫއޭއީން އުޅެނީ މާސްގައި މީހުން އާބާދުކުރަން

މާސްގައި އިންސާނުންނަށް ދިރިއުޅެވޭ ފަދަ ފުރަތަމަ އާބާދީ ގާއިމް ކުރުމަށް ހިންގާ މަޝްރޫއެއް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވަނީ މިދިޔަ ބުދަ ދުވަހު އިއުލާންކޮށްފަ އެވެ. އެ މަޝްރޫއުގެ މަގުސަދަކީ މީލާދީން 2117 ވަނަ އަހަރު އަންނަ އިރު އެފަދަ އާބާދީއެއް ގާއިމް ކުރުމެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި " މާސް 2217 " ގެ ނަމުގައި އެ މަޝްރޫއު އިއުލާންކޮށްދެއްވީ ދުބާއީގެ ވެރިޔާ އަދި ޔޫއޭއީގެ ނައިބުރައީސް ޝައިޚު މުޙައްމަދު ބިން ރާޝިދު އަލް މަޚުތޫމްއެވެ. އެރަސްމިއްޔާތު ބޭއްވި ފަސް ވަނަ ވޯލްޑް ގަވަމެންޓް ސަމިޓްގެ ހަވާސާގައެވެ.
އެހެން ޕްލެނެޓަކަށް އިންސާނުން ފޭބުމަކީ މީހުން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް. ޔޫއޭއީ އިން ބޭނުންވަނީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ބައިނަލް އަގުވާމީ ގޮތުން ކުރާ މަސައްކަތުގައި އިސް ދައުރެއް އަދާކުރަން، " އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚު މުޙައްމަދު ބިން ރާޝިދު ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެވަފައި ވަނީ ކުރިއަށް އޮތް އެއް ގަރުނު ޔޫއޭއީ އިން ހޭދަކުރާނީ އިލްމު ހޯދުމަށް ޒުވާނުންގެ އޮތް ޝައުގުވެރިކަމާއި އެއްވަރަށް ސައިންސާއި ޓެކްނޮލޮޖީއާ ތަރައްގީ ކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.ޝައިޚު ރާޝިދު ވިދާޅުވާ ގޮތުގައި ޖައްވީ ދިރާސާތައް ކުރުމާއި އެދާއިރާއިން އިންވެސްޓް ކުރުމުގައި ޔޫއޭއީއައކީ ދުނިޔޭގެ ލީޑަރެކެވެ. އަދި ވިދާޅުވެފައި ވަނީ އެދާއިރާއިން ކުރާ ދިރާސާ މަސައްކަތްތައް ހަލުވި ކުރުމަކީ އެގައުމުގެ މަގުސަދެކެވެ.

"އާ މަޝްރޫއަކީ އަހަރެމެން މިއަދު އިންދާ އޮށެއް. އަހަރެމެން އުއްމީދުކުރަނީ އަންނަ އޮތް ޖީލުތަކުގެ މީހުންނަށް މީގެ މޭވާ ލިބުން،" ޝައިޚު ރާޝިދު ވިދާޅުވެފައި ވެއެވެ.
ދުބާއީގެ ގަވަމެންޓް މީޑިއާ އޮފީހުން އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ ބައިނަލް އަގުވާމީ މައިގަނޑު ރިސާޗް އިންސްޓްޓިއުޓްތަކާ ގުޅިގެން ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި މަޝްރޫއުގެ ދަށުން ފުރަތަމަ ކުރާނެ މަސައްކަތަކީ މާސްއަށް އިންސާނުން ދަތުރުކުރުމަށްޓަކައި ސައިންސްގެ ރޮނގުން ހޯދަން ޖެހޭ ހޯދުންތައް ހޯދުމަށެވެ. އަދި އެމަސައްކަތް ފަށާނީ އެމިރޭޓްސްގެ ސައިންސްވެރިންގެ ޓީމަކުން ކަމަށާއި އެއަށް ފަހު ދުނިޔޭގެ ސައިންސްވެރިން އެކަމުގައި ބައިވެރިކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. މަޝްރޫއުގައި އަމާޒު ހިފާނީ މާސްއަށް ދަތުރުކުމަށް ޓަކައި ދަތުރުފަތުރު ކުރުމުގެ އަވަސް ވަސީލަތްތައް ތަރައްގީކުރުމަށެވެ. އަދި އެއަށް ފަހު، މާސްގައި އިންސާނުން އުޅޭ ނަމަ، އާބާދީ އޮންނާނެ ގޮތުގެ ތަސައްވުރެއް އެކުލަވައިލާނެއެވެ. އެގޮތުން އެފަދަ އާބާދީއެއްގައި ކެއިން ބުއިމާއި ދަތުރުފަތުރާއި ހަކަތަ އުފެއްދުން ފަދަ ކަންތައްތައް ކުރާނެ ގޮތް ވެސް އެ ތަސައްވުރުގައި ހިމެނޭނެއެވެ.

އިންސާނުންނާ ނުލައި އުދުހޭ އުޅަނދެއް 2021 ވަނަ އަހަރު މާސްއަށް ފޮނުވުމުގެ މަގުސަދުގައި ޖައްވީ އިދާރާއެއް އުފައްދާނެކަން ޔޫއޭއީ އިން ވަނީ 2014 ވަނަ އަހަރު އިއުލާންކޮށްފައެވެ. -- ސީއެންއެން