ބައިސިކަލް ޕްރޮމޯޓް ކުރުމުގެ މަޝްރޫއަކާ ބެހޭ ގޮތުން މީޑިއާއާއި ވާހަކަ ދެއްކެވުމަށް ބޭއްވި ނޫސް ކޮންފަރެންސަކަށް ބެލްޖިއަމްގެ މިނިސްޓަރަކު ވަޑައިގެންނެވީ ބައިސުކަލެއްގަ އެވެ. އަންގާރަ ދުވަހު ބޭއްވި އެ ނޫސްކޮންފަރެންސް ނިންމަވާފައި ،ބައި ގަޑި އިރު ފަހުން އޭނާ އެނބުރި ވަޑައިގަންނަވަން ވެގެން ބެއްލެވި އިރު އޭނާގެ ބައިސިކަލް ވަނީ ވަގަށް ގެންގޮސްފަ އެވެ.
ހޮލެންޑް ބަހުން ވާހަކަ ދައްކާ އާބާދީއެއް އޮންނަ ފްލެންޑާސް ސަރަހައްދަށް ބެލްޖިއަމް ސަރުކާރުން ހާއްސަކޮށްފައި ހުންނަވާ މިނިސްޓަރް އޮފް މޯބިލިޓީ ބެން ވޭޓްސް ނޫސްކޮންފަރެންސްގައި އިއުލާން ކުރެއްވީ ބައިސިކަލް ދުއްވާ މަގުތައް ތަރައްގީ ކުރުމުގެ 300 މިލިޔަން ޔޫރޯގެ މަޝްރޫއެކެވެ. އެ މަޝްރޫއަކީ ދަތުރުފަތުރު ކުރުމުގައި އިންޖީނުލީ އުޅަނދުފަހަރު ނޫން އެހެން ވަސީލަތްތައް ބޭނުން ކުރުން އިތުރު ކުރުމަށް 2019 އާ ހަމައަށް ހިންގަން ރާވަފައިވާ މަޝްރޫއެކެވެ.
"އަހަރެމެން ބައިކް ބޭންދީ ރެކަށްލައި ތަޅުލާފައި. އަހަރެމެން ބައިގަޑިއިރު ފަހުން އެނބުރި އައި އިރު ބައިކް ވަނީ ގެންގޮސްފައި،" މިނިސްޓަރުގެ ތަރުޖަމާނަކު ރޮއިޓާސްއަށް ބުނެފައި ވެއެވެ.
ބެލްޖިއަމް މީހުންނަކީ ކުޅިވަރެއްގެ ގޮތުން ބައިސިކަލް ދުއްވަން ފޯރިހުންނަ ބައެކެވެ. ނަމަވެސް އެމީހުން މަސައްކަތަށް ދަނީ ކާރުގައެވެ. އެހެންވެ ޔޫރަޕްގައިވާ އެންމެ ޓްރެފިކް ބާރުބޮޑު ގައުމުތަކުގެ ތެރޭގައި އެގައުމު ހިމެނެ އެވެ. ބައިސިކަލް ވަގަށް ނެގުމުން މިނިސްޓަރު އެނބުރި ގެއަށް ވަޑައިގަންނަވަން ޖެހުނީ ޑްރައިވަރު ގެނެސްގެން ކާރުގަ އެވެ. ސީސީ ޓީވީ ފުޓޭޖްތައް ބަލައިގެން، ފުލުހުން ކުރާ މަސައްކަތުން ، ބައިސިކަލް ވަގަށް ނެގި މީހާ ހޯދޭނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.