ބޮލީވުޑް

ސަލްމާން ދެން އުފައްދާ ފިލްމެއްގައި ސިދާތް

Feb 18, 2017

ދެހާސް ބާރަވަނަ އަހަރު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވި ސިދާތް މަލްހޯތުރާ ވަނީ ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ހަ ފިލްމަކުން ފެނިގެން ގޮސްފަ އެވެ.

މިދިޔަ އަހަރު ނިކުތް ސިދާތް އާއި ކެޓްރީނާ ކައިފްގެ "ބާރް ބާރް ދޭކޯ" ފްލޮޕްވި ނަމަވެސް އޭނާ އަށް ގިނަ ފިލްމުތަކަކުން އަންނަނީ ފުރުސަތުތަކެއް ލިބެމުންނެވެ.

މިފަހުން ސިދާތް ވަނީ ބަތަލާ ޖެކްއަލީން ފާނެންޑޭޒް އާއެކު ކުޅުނު ފުރަތަމަ ފިލްމު "ރީލޯޑެޑް" ގެ ޝޫޓިން ވެސް ނިންމާލައި ވަނީ "އިއްތިފާގް" ގެ ރީމެކްގެ ޝޫޓިން ސޮނާކްޝީ ސިންހާ އާއެކު ފަށާފަ އެވެ.

"އިއްތިފާގް" ރިމޭކްގެ އިިތުރުން ސުޕަސްޓާ ސަލްމާން ޚާން އުފައްދާ ފިލްމެއްގެ ލީޑްރޯލެއް ކުޅުމުގެ ފުރުސަތު ވެސް ސިދާތް އަށް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ސަލްމާން އުފައްދާ ފިލްމެއްގެ ލީޑްރޯލު ކުޅެން އެކްޓަރަކު ހޯދަމުން އަންނައިރު، ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ ސަލްމާން ކުރެން މިރޯލަށް އެންމެ އެކަށޭނެ ތަރިއަކީ ސިދާތް ކަމަށް ވާތީ އޭނާގެ މި ފިލްމުގެ ލީޑް ތަރިއަކަށް ނެގުމަށް އެދިފަ އެވެ.

އެގޮތުން މިފަހުން ސަލްމާން ވަނީ ސިދާތް އާ ބައްދަލުކޮށް، މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ.

ބުނެވޭ ގޮތުގައި ސަލްމާން އުފައްދަން ނިންމާފައިވާ މި ފިލްމުގެ ލީޑްރޯލު ކުޅެން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާންއާ އެވެ. ނަމަވެސް ބޮލީވުޑްގައި ޕާކިސްތާނުގެ އެކްޓަރުންނަށް ހަރަކާތެރި ނުވެވޭނެ ކަމަށް ބުނެ އިންޑިއާގެ ސިޔާސީ ޕާޓީ މަހަރަޝްތުރަ ނަވްނިރްމަން ސޭނާ (އެމް.އެން.އެސް) އިން އިންޒާރުދީ އެގައުމުން ބޭރުކޮށްލުމުން މި ފިލްމުގެ ލީޑް އެކްޓަރެއް ސަލްމާން އާއި ހޯދަމުންނެވެ.

ސަލްމާން އުފައްދާ މި ފިލްމަކީ ރަށްފުށުގެ ހިސާބެއްގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއެއް އަދި ކަނޑައަޅާފައިނުވާއިރު، ފިލްމުގެ ޝޫޓިން މިއަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް މިދިޔަ އަހަރުތަކުގެ ތެރޭގައި ވަނީ ބުނެފަ އެވެ.