ދުނިޔެ

މުގާބޭ އަވަހާރަވެއްޖެ ނަމަ ގަބުރު ވެސް އިންތިހާބުގައި ވާދަކުރާނެ

Feb 18, 2017
1

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ އެގައުމުގެ ރިޔާސީ އިންތިހާބުގެ ކުރިން އަވަހާރަވެއްޖެ ނަމަ އޭނާގެ ގަބުރުވެސް އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރާނެ ކަމަށް އޭނާގެ އަނބިކަނބަލުން ވިދާޅުވެއްޖެ އެވެ.

މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ޒިންބާބްވޭގައި މުގާބޭއަށް އެހާ ވަރަށް ވެސް ތާއީދު އެބަ އޮތް ކަމަށެވެ.

"އެއްދުވަހަކުން މުގާބޭ އަވަހާރަވުމަށް ކަލާންގެ އިރާދަކުރެއްވުމުން، ވޯޓް ކަރުދާހުގައި އަހަރެމެން ޖަހާނީ އޭނާގެ ގަބުރު( ގެ ފޮޓޯ) ، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ގަބުރެއްގެ ގޮތުގައި ވެސް ރައްޔިތުން އޭނާއަށް ވޯޓްލާތަން. އަޅުގަނޑު މިހެން މިބުނީ ރައްޔިތުން އެމީހުންގެ ރައީސް ދެކެ ލޯބިވާ ވަރު ބަޔާންކޮށްދޭން،" ގްރޭސް މުގާބޭ ވިދާޅުވެފައި ވެއެވެ.

މިހާރު އުމުރުފުޅުން 92 އަހަރު ވެފައިވާ ރޮބަޓް މުގާބޭ ޒިމްބާބްވޭގެ ރައީސް ކަމަށް ވަޑައިގެންނެވީ 1980 ވަނަ އަހަރުއެވެ. އޭނާ ރައީސް ކަމަށް ވަޑައިގެންނެވީ އެގައުމުގައި އިނގިރޭސިން ގާއިމްކޮށްފައި އޮތް ދޮން މީހުންގެ ވެރިކަމާ ހަނގުރާމަކުރައްވައި ބަލިކުރެއްވުމަށް ފަހުގައެވެ.

މުގާބޭ މުސްކުޅިފުޅުވެ، އާލާސްކަންފުޅާ އުޅުއްވަން ފެއްޓެވި ފަހުން އުމުރުފުޅުން 51 އަހަރުގެ ގްރޭސް މުގާބޭ ވަނީ ސިޔާސީ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވަން ފަށްޓަވާފައެވެ. އޭނާ ވަނީ ވެރިކަމަށް ކުރިމަތިލައްވަފާނެ ކަން ދޭހަވާ ގޮތަށް ވެސް ވާހަކަފުޅު ދައްކަވާފައެވެ.
ގެރިއްލާ ހަނގުރާމައިގެ ދުވަސްވަރު މުގާބޭގެ އަރިހުގައި އުޅުއްވި ބޭފުޅުންނަށް ގްރޭސް މުގާބޭ ވަނީ އެގޮތުން އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ މުގާބޭ މުސްކުޅިފުޅު ވެގެން ވެރިކަން ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާ ނަމަ ހަނގުރާމައިގައި އެކީގައި އުޅުއްވި ބޭފުޅުން ވެސް ޖެހޭނީ ސިޔާސީ ދާއިރާއިން އެއްފަރާތްވާން ކަމަށެވެ.

"މުގާބޭ އަރިހުގައި 1980 ވަނަ އަހަރު އުޅުން އެއްވެސް މީހަކަށް ހައްގެއް ނެތް އޭނާ މާ މުސްކުޅި ވެއްޖެ ކަމަށް ބުނާކަށް. މުގާބޭ ( ވެރިކަމުން ދުރަށް) ވަޑައިގަންނަވަން ކަލޭމެން ބޭނުންވާ ނަމަ ، ކަލޭމެން އެއްމެން ދާން ޖެހޭނީ އެކުގައި. ކަލޭމެން ވެސް ޖެހޭނީ ދާން. ދެން ހަވާލުވާނީ އަހަރެމެން،" ގްރޭސް މުގާބޭ ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.