އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން އުންގެ ބޭބެ ކިމްޖޮން ނަމް މަރުވުމަށް މެދުވެރި ވިހަ ސުޕްރޭ އޭނާގެ މޫނަށް ޖެހީ މަޖާ ކުރާ ޓީވީ ޝޯއެއްގެ ބައެއްގެ ގޮތުން ކަމަށް އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަންހެންމީހާ ބުނެފި އެވެ.
ކިމްޖޮން ނަމް މަރައިލިކަމުގެ ތުހުމަތަށް މެލޭޝިއާ ފުލުހުން ހައްޔަރުކޮށްފައިވާ ސިއްތި އާއިޝާ ބުނެފައި ވަނީ ބަޔަކު ބުނެގެން އޭނާ ކިމްޖޮން ނަމްގެ މޫނަށް ސުޕްރޭ ޖެހުމުގެ ކުރިން އިތުރު ހަތަރު މީހެއްގެ މޫނަށް ވެސް ސުޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އޭނާއަށް ޖެހުނީ ވިހަ ސުޕްރޭއެއް ކަމެއް ވެސް، ފައިސާ ދީފައި އޭނާއަށް އެކަން ހަވާލުކުރީ ބޭރުގެ އެޖެންޓުންތަކެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ.
ސިއްތި އާއިޝާ މިހެން ބުނި ކަން މީޑިއާއަށް ހާމަކުރެއްވީ އޭނާ ނިސްބަތްވާ އިންޑޮނޭޝިއާގެ ޕޮލިސް ޗީފް ޓީޓޯ ކަރްނާވިއަން އެވެ.
"އަންހެމީހާ ބުނީ އޭނާ ހަމަ އެގޮތަށް އެހެން މީހުންނަށް ވެސް ސުޕްރޭ ކޮށްފައިވާ ކަމަށް، ތިނެއް ނުވަތަ ހަތަރު ފަހަރު،" އިންޑޮނޭޝިއާގެ އަޗޭގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓީޓޯ ވިދާޅުވެފައި ވެއެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމްޖޮން ނަމް މަރައިލީ މިދިޔަ ހޯމަ ދުވަހުއެވެ. އެމައްސަލައިގައި ސިއްތި އާއިޝާއާއި އެކު ހަތަރު މީހުން ހައްޔަރުކޮށްފައި ވަނިކޮށް، އުތުރު ކޮރެއާއަށް ނިސްބަތްވާ ފިރިހެނަކުވެސް އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.
ކިމްޖޮން އުންގެ އެއްބަފާ ބޭބެ ކިމްޖޮން ނަމް މަރައިލީ ކިމްޖޮން އުން ގެ އަމުރަށް ކަމަށް ދެކުނު ކޮރެއާއިން ތުހުމަތުކުރެ އެވެ.