ދުނިޔެ

އިންޑިއާއިން ލަންކާއަށް 100 ޓަނުގެ ހަނޑޫ ހަދިޔާކުރަނީ

Feb 21, 2017

ސްރީލަންކާއަށް ހަނަފަސްކަން ކުރިމަތިވެފައި ވާތީ އެހީތެރިވުމުގެ ގޮތުން އެގައުމަށް 100 މެޓްރިކްޓަނުގެ ހަނޑުލާއި ފެން އުފުލާ އަށް އުޅަނދު ދޭނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާއިން ލަންކާއަށް އެހީތެރިވާނެކަމުގެ މެސެޖް ލަންކާ ސަރުކާރަށް ދެއްވީ މިހާރު އެގައުމަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ޖައި ޝަންކަރެވެ. އޭނާ ވަނީ އެހީ ދޭނެ ކަން އެންގެވުމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖް ފޮނުއްވި މެސެޖެއް ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރައަށް ރައްދުކުރައްވާފަ އެވެ.

ޖައިޝަންކަރު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އޭނާ ވަނީ އިންޑިއާއާއި އެގައުމާ ދެމެދު އޮންނަ ގުޅުމުގެ ކަންތައްތައް ބައްލަވައި ލައްވާފައެވެ. އެގޮތުން ލަންކާގެ އިގުތިސާދު ކުރިއެރުވުމަށް އިންޑިއާ ބައިވެރިވެގެން ހިންގާ މަޝްރޫއުތައް ހިނގާ ނުހިނގާ ގޮތް އޭނާ ވަނީ ބައްލަވައިލައްވާފަ އެވެ.

ސްރީލަންކާއަށް ވާރޭ ވެހުން މަދުވެ، ފާއިތުވި 40 އަހަރުވެސް ނުވާ މިންވަރަކަށް އެގައުމު ވަނީ ހަނަފަސްވެފައެވެ. އެ ހަނަފަސް ކަމުގެ ސަބަބުން އެގައުމުގެ މިލިޔަނެއްހާ މީހުންނަށް ފެނުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އަދި އެކަމުގެ ސަބަބުން އެގައުމުގެ ދަނޑުވެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. - ސަންޑޭ ޓައިމްސް