ދުނިޔެ

އަޒަރުބައިޖާންގެ ފުރަތަމަ ނައިބު ރައީސަކަށް ރައީސްގެ އަނބިކަނބަލުން

Feb 22, 2017

އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ އަރަޒުބައިޖާންގެ ފުރަތަމަ ނައިބު ރައީސް ކަމުގެ މަގާމަށް އެގައުމުގެ ރައީސް އިލްހާމް އަލިޔޭވްގެ އަނބިކަނބަލުން އިސްކޮށްފި އެވެ.

އިސް ނާއިބު ރައީސް ކަމުގެ މަގާމަކީ އަޒަރުބައިޖާންގައި އަލަށް އުފެއްދި މަގާމެކެވެ. ރައީސްކަމުގެ މަގާމު އެއްވެސް ސަބަބަކާ ހުރެ ހުސްވެއްޖެ ހިނދެއްގައި ވަގުތީ ގޮތުން އެމަގާމާއި ހަވާލުވާނީ އިސް ނައިބުރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.

"މެހްރިބާން އަލިޔޭވް ގެންދަވަނީ ގައުމުގެ ސިޔާސީ އިޖުތިމާއީ އަދި ސަގާފީ ހަޔާތުގައި މުހިއްމު ދައުރެއް ، ގިނަ އަހަރުތަކެއް ވަންދެން އަދާކުރައްވަމުން،" އަނބިކަނބަލުންނަށް މަގާމު ދެއްވި ކަން އިއުލާން ކުރައްވައި ވާހަކަފުޅުދައްކަވަމުން އިލްހާމް އަލިޔޭވް އިއްޔެ ވިދާޅުވި އެވެ.

ރައީސް އިލްހާމް އަލިޔޭވްގެ އަނބިކަނބަލުންނަށް މަގާމު ދެއްވީ އަޒަރުބައިޖާންގެ ގާނޫނު އަސާސީއަށް ބަދަލުގެނެސްގެންނެވެ. އެގައުމުގެ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުން ތާއީދު ލިބިފައިވާ އެބަދަލުގައި އަލަށް އުފެއްދި މަގާމަކީ އިސް ނާއިބު ރައީސްކަމުގެ މަގާމެވެ. ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލު ބުނާ ގޮތުން އެމަގާމަށް އެންމެ އައުލާ ވެގެންވާ މީހަކީ ރައީސްގެ އަނބިކަނބަލުންނެވެ.
އަނބިކަނބަލުންނަށް މަގާމު ދެއްވި ދެވަނަ ސަބަބެއްގެ ގޮތުގައި ރައީސް އިލްހާމް ފާހަގަ ކުރައްވާފައި ވަނީ އެގައުމުގެ ވެރިކަން ކުރާ މައި ޕާޓީގެ ޑެޕިއުޓީ ލީޑަރަކީ އެކަމަނާއަށް ވުމެވެ. އަޒަރުބައިޖާންގެ ވެރިކަން ކުރާ މައިޕާޓީ، 'ނިއު އަޒަރުބައިޖާން ޕާޓީ' އަކީ އިލްހާމްގެ ބައްޕާފުޅު ހައިދަރު އަލިޔޭވް 1992 ވަނަ އަހަރު އުފެއްދެވި ޕާޓީއެކެވެ.

"އެއީ ކާކަސަސް ސަރަހައްދުގައިވާ އެންމެ ބޮޑު ޕާޓީ، އެޕާޓީގައި ގާތްގަނޑަކަށް 700000 މެމްބަރުން އެބަތިބި،" އިލްހާމް ވިދާޅުވެފައި ވެއެވެ.

އަނބިކަނބަލުންނަނީ 2005 ވަނަ އަހަރުން ފެށިގެން އަޒަރުބައިޖާންގެ ޕާލަމެންޓްގެ ގޮނޑިއެއް ފުރުއްވަމުން ގެންދަވާ ބޭފުޅެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. މަގާމު ލިބިވަޑައިގެންނެވުމުން ދެއްކެވި ވާހަކަފުޅުގައި މެހްރަބިން ވިދާޅުވީ މަގާމުގެ ސީރިއަސްކަން ވިސްނިވަޑައިގަންނަވާ ކަމަށާއި ރައްޔިތުންގެ ކުރިމަތީގައި ރައީސް އިލްހާމްގެ އިތުބާރު ހިފެހެއްޓޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އުމުރުފުޅުން 52 އަހަރުގެ މެހްރިބާން އަކީ ސިޔާސީ މަސައްކަތްޕުޅުގެ އިތުރުން އިޖުތިމާއީ ގޮތުން ވެސް ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ.

އެގޮތުން އަޒަރުބައިޖާންގައި ތައުލީމާއި ސަގާފަތާއި ކުޅިވަރު ކުރިއެރުވުމަށް އެކަމަނާ ވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. އަދި އެގައުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމިއްޔާ "ހައިދަރު އަލިޔޭވް" ފަންޑުގެ ވެރިޔަކީވެސް އެކަމަނާ އެވެ. އަދި އެގައުމުގައި ހުންނަވާ ޔުނެސްކޯގެ ގުޑްވިލް އެންބެސެޑަރަކީ ވެސް އޭނާ އެވެ. މެހްރިބާން އަލިޔޭވް އުފަންވެވަޑައިގެންނެވީ އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި 1964 ވަނަ އަހަރުއެވެ. އޭނާއަކީ ޑޮކްޓަރެކެވެ. އަދި އޭނާ ވަނީ ސިއްޖީ ދާއިރާއިން ޑޮކްޓަރް އޮފް ފިލޯސޮފީ( ޕީއެޗްޑީ) ހާސިލުކުރައްވާފަ އެވެ. -- ރަޝިޔާ ޓްޑޭ