އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މަރައިލިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް އުތުރުކޮރެއާ ސަރުކާރުން ގޮވާލައިފިއެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ އުތުރުކޮރެއާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކިމް މަރައިލިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ދެ އަންހެނުންނަކީ ކުށެއް ނެތް ބައެއް ކަމަށެވެ.
ކިމް މަރައިލި ހާދިސާ ހިނގާފައި ވަނީ މެލޭޝިއާ ފުލުހުން ކުރިން ހާމަކުރި ގޮތަށް ކަމާއި މެދު އުތުރު ކޮރެއާގެ ބަޔާނުގައި ވަނީ ސުވާލު އުފައްދާފައެވެ.
"ވިހަ ހުރީ އެ މީހުންގެ އަތުގައި ކަމަށް ވަންޏާ ، ދެން މި ދެއަންހެނުން މަރު ނުވެ ސަލާމަތްވީ ކިހިނެތް؟" އުތުރު ކޮރެއާ އެމްބަސީން ނެރުނު ބަޔާނުގައި ސުވާލުއުފައްދާފައިވެއެވެ. ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އުތުރުކޮރެއާ މީހާ ވެސް ހައްޔަރުކޮށްފައި ވަނީ މަގުބޫލު ސަބަބެއް ނެތި ކަމަށެވެ.
އުތުރުކޮރެއާ އެމްބަސީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ކިމް މަރައިލި ހާދިސާއާ ގުޅިގެން އެ އެމްބަސީގެ އިސް އޮފިޝަލަކާއި އުތުރުކޮރެއާގެ ގައުމީ އެއާލައިންގެ މުވައްޒަފަކު ހޯދަން އިއުލާންކޮށްފައި ވަނިކޮށެވެ.
ބައިނަލް އަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރިކޮށްފައިވާ އުތުރުކޮރެއާއި ގުޅުން ދަމަހައްޓާ މަދު ގައުމުތަކުގެ ތެރޭގައި މެލޭޝިއާ ހިމެނެއެވެ. މެލޭޝިއާއިން އަންނަނީ އުތުރު ކޮރެއާއާއި ވިޔަފާރި ކުރަމުންނެވެ. އަދި އެ ދެގައުމުގެ ރައްޔިތުން، އެއްގައުމުން އަނެއް ގައުމަށް ވިސާއާއި ނުލައި ދަތުރުކުރެވޭނެ ނިޒާމެއް ވެސް ގާއިމްކޮށްފައި ވެއެވެ. ނަމަވެސް ކިމްޖޮން ނަމް މަރައިލި ހާދިސާއާއި ގުޅިގެން ދެގައުމުގެ ގުޅުމަށް ވަނީ ބުރޫ އަރާފައެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމްޖޮން ނަމް މަރައިލީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ.
ކިމްޖޮން އުންގެ އެއްބަފާ ބޭބެ ކިމްޖޮން ނަމް މަރައިލީ ކިމްޖޮން އުން ގެ އަމުރަށް ކަމަށް ދެކުނު ކޮރެއާއިން ތުހުމަތުކުރެ އެވެ.