ބޮލީވުޑް

"ޓިއުބްލައިޓް" ގެ ޓްރެއިލާ އެޕްރީލުގައި ނެރެނީ

Feb 23, 2017

ސުޕަސްޓާ ސަލްމާން ޚާންގެ ފިލްމެއް ރިލީޒްވާނެ ދުވަހަކަށް އެތަކެއް ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.

މިދިޔަ އަހަރުގެ ފިތުރު އީދުގައި ރިލީޒްވި ސަލްމާންގެ "ސުލްތާން" އަށް ފަހު ބެލުންތެރިންނާ ހަމައަށް ދެން އެންމެ އަވަހަށް އަންނަ އޭނާގެ ފިލްމަކީ ކަބީރް ޚާންގެ "ޓިއުބްލައިޓް" އެވެ.

ނަވާރަސަތޭކަ ފަސްދޮޅަސް ދެވަނަ އަހަރު އިންޑިއާ އާއި ޗައިނާ އާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާ ޗައިނާގެ ޒުވާން އަންހެންކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމުގައި ވަރަށް ގިނަ ވިޝުއަލް އިފެކްޓްސް މަންޒަރުތައް ފެނިގެންދާނެ އެވެ.

ވިޝުއަލް އިފެކްޓްސްގެ ގިނަ މަންޒަރުތަކެއް ފިލްމުގައި ހިމެނޭތީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކަށް ވަރަށް ގިނަ ވަގުތު ބޭނުންވާތީ ފިލްމުގެ ޝޫޓިން ވަނީ ލަފާކުރި ޝެޑިއުލަށް ވުރެ ކުރިން ނިންމާލާފަ އެވެ.

މިމަހުގެ ކުރީކޮޅު ޝޫޓިން ނިންމާލި "ޓިއުބްލައިޓް" ގެ ފުރަތަމަ ޓްރެއިލާ އަންނަ އެޕްރީލް މަހުގެ ފަހުކޮޅު ރިލީޒްކުރާނެ ކަމަށްވެ އެވެ.

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ޖޫން މަހުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓްރއިލާ އާންމުކުރާނެ ސިދާ ތާރީހެއް އަދި ހާމަކޮށްފައިނުވީ ނަމަވެސް އެޕްރީލްގެ ފަހުކޮޅު ޓްރެއިލާ ރިލީޒްކުރުމަށް ވަނީ ނިންމާފަ އެވެ.

ސަލްމާނާއެކު ކަބީރް އުފެއްދި ތިން ވަނަ ފިލްމު، "ޓިއުބްލައިޓް" ގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޗައިނާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޒޫ ޒޫ އެވެ. އަދި މި ފިލްމުގައި ސަލްމާންހެ ބޭބެގެ ރޯލުން އެއްބަނޑު އެއްބަފާ ކޮއްކޮ ސޮހެއިލް ޚާން ވެސް ފެނިގެންދާނެ އެވެ.