ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އާ ރަންވޭގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ރަންވޭ އެޅުމުގެ އަމަލީ މަސައްކަތް އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިރޭ ވިދާޅުވެއްޖެ އެވެ. އާ ރަންވޭ އެޅުމަށް ހިއްކަން ޖެހޭ ބިން މިހާރު ވަނީ ހިއްކާފަ އެވެ.

ވީއައިއޭގައި އަޅާ އާ ރަންވޭގެ މަސައްކަތް ކުރަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އާ ރަންވޭ އަށް 400 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އަދި މީގެތެރެއިން 373 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ ޗައިނާގެ ލޯނު އެހީގެ ދަށުންނެވެ. މި މަސައްކަތް ކުރަނީ ގަލްފް ކޮބްލާ ކުންފުނިންނެވެ.

އާ ރަންވޭ އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަ ހޯމަ ދުވަހުގެ ރޭ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ރަސްމިއްޔާތަކީ ވަރަށް ކުލަގަދަކޮށް ހާއްސަ ކަންތައްތަކަކާއެކު ބާއްވާ ރަސްމިއްޔާތެއް ކަމަށް އާދިލް ވިދާޅުވި އެވެ.

ޓީވީއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާދިލް މިރޭ ވިދާޅުވީ، އެ ރޭ އަމަލީ މަސައްކަތް ފެށިގެންދާއިރު އޭގެން ފަހުން މެދުކެނޑުމެއް ނެތި އެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އާ ރަންވޭ އެޅުމުގެ މަސައްކަތް ނިންމާލުމަށް ވެސް އަމާޒު ހިފާފައިވާ ކަމަށެވެ.

އާ ރަންވޭ ކުރުކޮށް

  • ދިގު މިނުގައި 3400 މީޓަރު
  • ފުޅާ މިނުގައި 65 މީޓަރު
  • މަޝްރޫއުގެ އަގު 400 މިލިއަން ޑޮލަރު

އާ ރަންވޭގެ މަސައްކަތް ފަށާފައިވާއިރު، ޕެސެންޖަރު ޓާމިނަލް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ ސައޫދީ ބިންލާދިން ގްރޫޕަށް 300 މިލިއަން ޑޮލަރަށެވެ. އަދި މުޅި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ އަންނަ އަހަރު އެވެ.

އާ ޕެސެންޖަރު ޓާމިނަލްގެ އެޅުމަށް ބޭނުންވާ ބިމުގެ ބޮޑު ބައެއް ހުސްކޮށް، އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވެސް އެމްއޭސީއެލްއިން ވަނީ ވާން ފަށާފަ އެވެ.

އާ ޕެސެންޖަރު ޓާމިނަލް އެޅުމަށް ނިންމާފައިވާ ސަރަހައްދުގައި ހުރި އެމްއޭސީއެލްގެ އޮފީސްތަކާއި މެޝިނަރީތައް އަދި އެތަނުގައި އަޅާފައިވާ ފެނާއި ނަރުދަމާ އެހެން ދިމާލަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ ސަރަހައްދުގައި ހުރި ގިނަ އޮފީސްތައް މިހާރު ވަނީ އެހެން ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ.

އާ ޓާމިނަލް އަޅާ ސަރަހައްދުގައި އެއާޕޯޓް ވޯޓާ ސަޕްލައި ބިލްޑިންގެ ބަދަލުގައި އާ ވޯޓާ ސްޕްލައި ބިލްޑިންއެއް އެހެން ސަރަހައްދެއްގައި އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ ބިލްޑިންގެ މަސައްކަތް އަންނަ މާޗް މަހަށް ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. އެއާލައިން ކޮންޕްލެކްސް ހުރީ އާ ޓާމިނަލް އަޅާ ސަރަހައްދުގައި ކަމަށްވުމުން އެ ބިލްޑިން ތަޅާލަން ޖެހޭތީ، އެކަމަށް ބޭނުންވާ އާ ބިލްޑިންއެއް އެހެން ސަރަހައްދެއްގައި އެޅުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް މިއަދު އެމްއޭސީއެލްއިން ބުންޏެވެ.

ވީއައިއޭގެ އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. އެއާޕޯޓް ތަރައްގީ ކުރަނީ ފަސް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށެވެ.