ހަބަރު

ކާޑެއްދޫ އެއާޕޯޓު އަތުލުން މަޑުޖައްސާލަން ނެރުނު އަމުރު ބާތިލުކޮށްފި

މިދިޔަ ތިން އަހަރު ވިލާ ކުންފުނިން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ނަގަން ސަރުކާރުން ފޮނުވި ނޯޓިހަށް އަމަލު ކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ކުރި އަމުރު ހައިކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

މި އަމުރު ބާތިލު ކޮށްފައިވަނީ އެ މައްސަލަ ދައުލަތުން ހައިކޯޓުން އިސްތިއުނާފު ކުރުމުން މިއަދު އެ ކޯޓުން އިއްވި ހުކުމުގަ އެވެ. މިއަދު އިއްވި ހުކުމުގައި ބުނީ ސިވިލް ކޯޓުގެ އަމުރު ދަމަހައްޓަން ނުފެންނަ ކަމަށާއި އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ ބޭރުން ކޮށްފައިވާ އަމުރެއް ކަމަށެވެ.

އެ ނޯޓިހަށް އަމަލު ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރު ކުރީ، އެ ނޯޓިހަކީ ގާނޫނާ ހިލާފަށް ފޮނުވި ނޯޓިހެއް ކަމަށް ބުނެ ވިލާ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

އެ އެއާޕޯޓު އެ ކުންފުނީގެ އަތުން ނަގަން ސަރުކާރުން ނިންމީ، އެއާޕޯޓު ހިނގުމަށް ވިލާއާ ހަވާލު ކޮށްފައިވީ ނަމަވެސް އެ ކުންފުނިން ސިވިލް އޭވިއޭޝަންގެ ބައެއް ގަވައިދުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. ސިވިލް ކޯޓުން ނެރުނު އަމުރުގައި ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވަނީ ވިލާއާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރިކުރުމާ ގުޅޭ ގޮތުން ކޯޓު ގޮތެއް ކަނޑައަޅަންދެން އެ ނޯޓިހަށް އަމަލު ނުކޮށް މަޑުޖައްސާލުމަށެވެ. އެ މައްސަލައިގެ ޝަރީއަތް ސިވިލް ކޯޓުގައި ދަނީ ކުރިއަށެވެ.

ވިލާގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވަނީ އެ އެއާޕޯޓު އަތުލަން ސަރުކާރުން ނިންމީ، ބޮޑު އިންވެސްޓްމެންޓަކާ ދިމާލަށް ދަނިކޮށް ކަމަށާއި އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް 2.8 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވަނިކޮށް ކަމަށް ވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވި ގޮތުގައި އެތަނަށް 200 މިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ދިޔައީ ތައްޔާރުވަމުންނެވެ.

ވިލާ ކުންފުނިން ހިންގަމުންދާ އަނެއް އެއާޕޯޓް ކަމަށްވާ މާމިގިލީ އެއާޕޯޓް ވެސް ވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް ސަރުކާރުން ބަދަލުކޮށްފަ އެވެ.