ދުނިޔެ

އިނގިރޭސިވިލާތުގައި ބޮޑު ކެނަބިސް ފެކްޓްރީއެއް

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް، ފުޅާ ދާއިރާއެއްގައި އުފައްދަމުން ދިޔަ ފެކްޓްރީއެއް އިނގިރޭސި ފުލުހުން ހޯދައިފި އެވެ.

އިނގިރޭސިވިލާތުގެ ވަލްޓްޝާގެ ފުލުހުން ހޯދި ފެކްޓްރީ ހުރީ ނިއުކްލިއަ ހަމަލާއަކުން ދިފާއުވުމަށް މީހުން ވަނުމަށް ބިނާކުރުމަށް ފަހު ދޫކޮށްލާފައިވާ ބިންގަރާހެއްގެ ތެރޭގަ އެވެ.

އެތަނުގެ ތެރޭގައި އެތައް ހާސް ކެނަބިސް ގައް ހައްދާފައި ހުރި އިރު އެތަކެތީގެ މަގުމަތީ އަގު އެއް މިލިޔަން ޕައުންޑަށް އަރާނެ ކަމަށް ބެލެވެއެވެ. ބުދަދުވަހުގެ ރޭ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފެކްޓްރީ ހޯދުމަށް ފަހު ، ފެކްޓްރީ ހިންގުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ފަސް ފިރިހެނުންނާއި ފުރާވަރުގެ އުމުރުގެ ފިރިހެން ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ސިފަކޮށްފައިވާ ގޮތުގައި ބިންގަރާސް ހުރީ " އެއްގޮތަކަށް ވެސް ނުވަދެވޭ"ފަދަ ގޮތަކަށެވެ. އެހެންވެ، އެތަނުގެ އެތޭގައި ތިބި މީހުން ނުކުންނަން ވަގުތެއް ޖެހެންދެން ފުލުހުން ޖެހުނީ މަޑުކުރާށެވެ. އެތެރޭގައި ތިބި މީހުން ނުކުތް ވަގުތު ފުލުހުން އެތަނަށް ވަނުމުން ފެނުނީ ދެ ފަންގިފިލާ ހުންނަ އެ އިމާރާތުގައިވާ 20 ކޮޓަރީގައި ވެސް ކެނަބިސް ގަސް ހައްދާފައިވާ ތަނެވެ. އެއިމާރާތަކީ 200 ފޫޓް ދިގު 70 ފޫޓް ފުޅާ އިމާރާތެކެވެ.

އިނގިރޭސި ފުލުހުން ގަބޫލުކުރާ ގޮތުގައި މިއީ އެގައުމުގެ ތާރީހުގައި ވެސް ހޯދުނު، އެންމެ ބޮޑު ކެނަބިސް ދަނޑެވެ. -- ބީބީސީ