ރިޕޯޓް

ފާފުގެ ބިޔަ މަޝްރޫއު ހުއްޓުވަން އުޅެނީ ކީއްވެ؟

Feb 26, 2017
32

ހަދާންވާ ގޮތުން 2009 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު ސައޫދީ ޝަހީ އާއިލާގެ ބިލިޔަނަރު ޕްރިންސް އަލްވަލީދާ ބައްދަލު ކުރައްވާ ރައީސް އޮފީހުގައި ދިވެހި ރާއްޖޭގައި އޭރު އެރުވޭ އެންމެ މަތީ ދެވަނަ ޝަރަފު ކަމަށްވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު ޕްރިންސްއަށް އެރުވި އެވެ. ރައީސް އޮފީހުގައި ޕްރިންސް އަލްވަލީދަށް ނަޝީދު ޝަރަފް އެރުވީ ރައީސް މައުމޫންގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ރާއްޖޭގެ ރިސޯޓް ވިޔަފާރީގައި އިންވެސްޓްކޮށް، ދިވެހި ރާއްޖޭގެ ތަރައްގީއަށް ޕްރިންސް ބައިވެރިވަޑައިގަންނަވާ މިންވަރު ފާހަގަ ކުރެއްވުމަށް ކަމަށް ވިދާޅުވެފައިވެ އެވެ.

ދެ ބޭފުޅުންގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި ސައޫދީ އިންވެސްޓްމަންޓް ދިވެހި ރާއްޖެއަށް ގެނައުމުގެ އެދުންފުޅު އޮތް މިންވަރު ނަޝީދު ފާޅު ކުރެއްވި އެވެ. އެކަމަކު ނަޝީދުގެ ވެރިކަމުގައި އެކަމެއް ނުހިނގައެވެ. ކީއްވެގެންކަމެއް ނޭންގެ އެވެ. ލަފާވާ ގޮތުން، މިފަހުގެ ތާރީހުގައި ދިވެހި ރާއްޖޭގައި އިސްލާމް ދީނަށް އެންމެ ބޮޑު ނުރައްކަލާ ކުރިމަތިވީ ނަޝީދުގެ ވެރިކަމުގައި ކަމަށްވާތީ އެވެ.

އައްޑޫ ސިޓީގައި ބުދު ބެހެއްޓުމާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ދޭން އުޅުއްވުން ފަދަ، ކަންކަމުގައި ދީނީ އިލްމުވެރިންގެ ދެކޮޅު ހެދުންތަކާ ހުރެ، ފާޅުގައި އިލްމުވެރިންނާއި ޗެލެންޖު ކުރައްވައި އަމަލު ކުރައްވަމުން ގެންދެވި ގޮތުން ސައޫދީ ފަދަ އިސްލާމީ ގައުމުތަކުން ރާއްޖެއާ އޭރު ދުރަށް ޖެހިލީ ކަމަށް ވެދާނެ އެވެ.

ސައޫދީ އިންވެސްޓްމަންޓުތައް ހޯދުމަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލީޑަރުން އެގައުމަށް ވަޑައިގެން ހާއްސަ އިނާޔަތްތައް ހުށަހަޅައިގެން މަސައްކަތްޕުޅު ކުރައްވައެވެ. ސައޫދީއަކީ ކިހާ މުއްސަދި އަދި ކިހާ އިތުބާރު ކުރެވޭ ގައުމެއްކަން އެ ލީޑަރުން ރަނގަޅަށް ދެނެވަޑައިގަންނަވަ އެވެ. އެކަމަކު ދިވެހި ރާއްޖެއާއި ދިމާއަށް ސައޫދީގެ ނަޒަރު ހުއްޓުމާއެކު ބައެއްގެ ހިތުގެ ތެރޭގައި ހަސަދަވެރިކަމުގެ އަލިފާންގަނޑު މިހާރު ރޯވެގެން އުޅޭކަމަށް އެބަހީވެ އެވެ.

ރާއްޖެއަށް ސައޫދީގެ އަމާޒު ހުއްޓުނީ ކިހިނެތް؟

މިއީ ވަރަށް ޝައުގުވެރި ކުރުވަނިވި ވާހަކައެކެވެ. ސައޫދީގެ މިހާރުގެ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު ޕްރިންސް މުހައްމަދަކީ ރޯޔަލް ފެމެލީގެ ބޭފުޅުންގެ ތެރޭގައި އެއް އިރެއްގައި އެހާ މަގްބޫލު ބޭފުޅެއް ނޫނެވެ. އެ ދުވަސްވަރު ރާއްޖެއަކީ މުހައްމަދު އެންމެ ގިނައިން ވަގުތު ހޭދަ ކުރައްވާ ތަނެވެ. ފ. އަތޮޅުގެ ރަށެއްގައި ހުންނަވައިގެން ސްނޯކްލިންއަށް ވަރަށް ގިނައިން ވަޑައިގެން އުޅުއްވަ އެވެ. ސްނޯކްލިންއަށް ވަޑައިގެން އުޅުމުގެ ތެރޭގައި ފ. ހިމިތީ ކައިރިން ވަައިގަންނަވާއިރު ހިމިތީގެ ރީތިކަން އޭނާ އަޖައިބު ކުރުވި އެވެ.

ހިމިއްޗަށް މުހައްމަދު ހިތްޕުޅު ޖެހުނީ އެހިސާބުންނެވެ. ދެން ސަރުކާރުގައި ދަންނަވައިގެން އެރަށް ވަރުވާއަށް ލިޔުއްވައިގެން އުޅުއްވާ ފަރާތާ ވާހަކަ ދެކެވި މުހައްމަދު ޗުއްޓީ ހޭދަ ކުރައްވާ ރަށަކަށް އެ ރަށް ތަރައްގީ ކުރައްވަން ލިބިވަޑައިގަތެވެ. ހަމަ އެ ދުވަސްވަރު މުހައްމަދުގެ ތަރި ސައޫދީ އުދަރެހުގައި ދިއްލުނެވެ. ސައޫދީ ރަސްގެފާނު އަބްދުﷲ އަވަހާރަވެ ރަސްކަން މުހައްމަދުގެ ބައްޕާފުޅު ސަލްމާންނަށް ލިބިވަޑައިގެންނެވި އެވެ. އަދި ވަލީ އަހުދު ކަމަށާއި ބާރުގަދަ ޑިފެންސް މިނިސްޓަރު ކަމަށް އޭނާ ހަމަޖެއްސެވި އެވެ. މިއަދު ސައޫދީގެ އިކޮނޮމީ އާއި ސައޫދީގެ ތަރައްގީގެ އާ ތަސައްވަރު ކުރައްސަވައިލެއްވި މޭސްތިރިއަކީ ޕްރިންސް މުހައްމަދެވެ.

މިހުރިހައި ޒިންމާތަކެއް އުފުއްލަވަން ޖެހިވަޑައިގަތުމާއެކު ކުރިން ރާއްޖޭގައި މޫދުގައި ވަގުތު ހޭދަ ކުރައްވާ ގޮތަށް ވަގުތު ހޭދަ ކުރެއްވުމުގެ ފުރުސަތު އޭނާއަށް މިހާރު ލިބިވަޑައި ނުގަންނަވަ އެވެ. އެކަމަކު ހިމިތީގެ މަތިން ޕްރިންސް ހަދުމަފުޅު ނެތިގެންނެއް ނުދެ އެވެ. މުހައްމަދު ރާއްޖެއަށް ލޯބިފުޅުޖެހިވަޑައިގެންފައިވާ މިންވަރު ރަސްގެފާނު ސަލްމާނަށް ވެސް ވަންހަނާވެ ވަޑައިނުގަންނަވަ އެވެ. ހުދު ސަލްމާންގެ ދޫފުޅުން ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަރިހުގައި އެ ވާހަކަ ވިދާޅުވެ އެވެ. ދަރިކަލުން މުހައްމަދު ފަދައިން ރަސްގެފާނު ސަލްމާނަކީ ވެސް ދިވެހި ރާއްޖެއަށް ލޯބިފުޅު ކުރައްވާ ބޭފުޅެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ފެށުނުތަނުން ރަސްގެފާނު ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.

ސައުދީއިން ފ. އަތޮޅަށް ހަދަން މިއުޅެނީ ކިހިނެތް؟

އެނގިފައިވާ ގޮތުގައި ޕްރިންސް މުހައްމަދު ޗުއްޓީ ހޭދަކުރައްވާ ރަށެއް ތަރައްގީ ކުރެއްވުމަށް ގެންގުޅުއްވި ކޮންސެޕްޓް މިހާރު ވަނީ މުޅިން ބަދަލުކުރައްވާފަ އެވެ. މި ކޮންސެޕްޓް ބަދަލުވެގެން ދިއުމުގައި ރައީސް އަބްދުﷲ ޔާމީން ސައޫދީ ރަސްގެފާން ސަލްމާނާއި އަދި ދަރިކަލުން އަބްދުﷲ އާ ބައްވަވާ ގާތް ރަހުމަތްތެރިކަން ވަރަށް މުހިންމު ރޯލެއް ކުޅުނެވެ. އާ ކޮންސެޕްޓް ކުރަހައިލީ ދުނިޔޭގެ އެކަމުގެ އެންމެ ފުންނާބު އުސް މާހިރުން ލައްވަ އެވެ. އަދި މި އާ ކޮންސެޕްޓު ރައީސް އަބްދުﷲ ޔާމީން އާއި ހިއްސާ ކުރައްވާފައިކަން ރައީސް ފ. އަތޮޅުގައި އެންމެ ފަހުން ދެއްކެވި ވާހަކަފުޅުން ދޭހަ ވެއެވެ. އެ ދަތުރުފުޅުގައި ރައީސް ވިދާޅުވީ ސައޫދީން ހުށަހަޅާފައިވާ ކޮންސެޕްޓަކީ ދުނިޔޭގެ ފެންވަރުގައި އެފަދަ ދެތިން ކޮންސެޕްޓެއް ނޫނީ ފެންނަން ނެތްހާ ފުރިހަމަ ހުށަހެޅުމެއް ކަމަށެވެ.

އެހެންވީމާ، ދޭހަވަނީ ދުބާއީ ފަދަ ވަރުގަދަ ސިޓީއެއް ރާއްޖޭގައި ބިނާ ކުރުން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމެވެ. އެކަމަށް ބިލިޔަނުން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް ލަފާކުރެވެ އެވެ. ސައުދީ އަރަބިއްޔާގެ މުއްސަނދިކަމާއި އަޅާބަލާއިރު މިއީ އެ ބޭފުޅުންނަށް އެއްވެސް ކަމެއް ނޫނެވެ. އެރަށް ބިނާކުރާނީ އެކަށީގެންވާވަރުގެ ބޮޑު ބިމެއް ހިއްކުމަށް ފަހު އެވެ.

ހަސަދައިގެ އަލިފާން

ދިވެހިރާއްޖެއަށް މި އަންނަން އުޅޭ ބިޔަ މަޝްރޫ އާއި ދެކޮޅަށް އެންމެ ފުރަތަމަ ބަސްފުޅު ވިދާޅުވި އެއް ބޭފުޅަކީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ފ. އަތޮޅުގެ މި ޕްރޮޖެކްޓުގެ ވާހަކަ ރައީސް ޔާމީން ވިދާޅުވުމުން އަދި ސައޫދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަންނަވާކަން އެނގިވަޑައިގަތުމުން 12 ފެބްރުއަރީގައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ތުހުމަތުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ނަހަމަ ގޮތުގައި ސައޫދީ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެއާއެކު ނަޝީދުގެ ވަށައިގެން އެބުރޭ މީހުން ރާއްޖެއަށް މި އިންވެސްޓަމަންޓް އަޔަނުދޭން އިންޒާރުގެ ބަސްތައް ދަނީ އޮއްސަމުންނެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟ ދެ ގޮތަކަށް ބެލިދާނެ އެވެ.

ދިވެހި ރާއްޖެ ތަހުޒީބުވެ ކުރިއަރައިގެން ދާން ނުވަތަ ދިވެހިންނަށް ތަނަވަސްކަމާއި އުފާފާގަތިކަން އަންނަތަން ދެކެން ބޭނުން ނުވަނީ އެވެ. ނޫނީ ތިމަން މަނިކުފާނުގެ ވެރިކަމުގައި ނުކުރެވުނު ކަންކަން އެހެން ބޭފުޅަކު ވަޑައިގެން ކުރައްވާތަން ދެކިވަޑައިގަންނަވަން ނޭދެވެނީ އެވެ. އެހެން ނޫން ނަމަ ޖީއެމްއާރަށް ދިވެހި ގައުމުގެ މައި އެއާޕޯޓް ނުއަގުގައި ވިއްކައި، ސަރުކާރުގެ މައި ކުންފުނިތައް ބަންގްރޫޓްވާ ސިޔާސަތު ތަންފީޒުކޮށް ގައުމުގެ އިގްތިސާދު އެފުށް މިފުށަށް ޖަހައި ފުން އަނދަވަޅަކަށް ވައްޓާލައި، ފްލެޓް އެޅުމުގެ ނަމުގައި ޓާޓާ ކުންފުންޏަށް ނަހަމަ ގޮތުގައި ދައުލަތުގެ އެތައް ޕްރޮޕަޓީއެއް ހިލޭ ދޫކުރައްވާފައިވާ ކަން ހަނދުމަފުޅު ނުނެތޭނެ އެވެ.

ސައޫދީ އަރަބިއްޔާއާ މެދު އެމްޑީޕީގެ އިސްވެރިން ގޮތުގައި ތިބި ބައެއް ބޭފުޅުން ހިތުތެރޭގައި އުފެދިގެން އުޅެނީ ވަރަށް ބޮޑު ރުޅިވެރި ކަމެއްކަން ސޯޝަލް މީޑީއާގައި ދައްކަވާ ވާހަކަތަކުން އެނގެ އެވެ. ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ދިވެހިން ބަނޑަށް ޖައްސަން ލަންޑަންފަދަ ޔޫރަޕުގެ މައި ސިޓީތަކުގައި ތިބެގެން ގޮވާއިރު މާލީ ގޮތުން ދަތިކޮށްގެން ސަރުކާރު ވައްޓާލަން އޮތް އެންމެ ބޮޑު ހުރަހަކީ އުހުވަތްތެރި ސައޫދީ އަރަބިއްޔާގެ ދީލަތި އެހީކަން އެމީހުން ދަނެ އެވެ. އަނެއްހެން ސައޫދީގެ ދީލަތި އެހީ އޮހެނީއަކީ ދިވެހި ރާއްޖެއަށް އެކަންޏެއްވެސް ނޫނެވެ.

އަތޮޅު ވިއްކާ ވާހަކަ ދައްކަނީ ކީއްވެހެއްޔެވެ؟ ދިވެހިރާއްޖޭގައި އެކަނި އެކަކު ހަތަރު ފަސް ފަޅުރަށް 99 އަހަރަށް ނަގައިގެން ރިސޯޓު ހިންގާކަން އެއީ މުހައްމަދު ނަޝީދަށް އެނގިވަޑައިނުގަންނަވާ ކަމެއް ނޫނެވެ. ކ. އަތޮޅާއި އަރިއަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ފަޅުރަށެއް އެހެރީ 99 އަހަރަށް ވިއްކާ ރިސޯޓު ހަދާފަ އެވެ. ގިނައީ ބިދޭސީ އިންވެސްޓަރުންނެވެ. އެކަމަކު އެއީ ރަށް ވިއްކުމެކޭއެއް ނުކިޔަ އެވެ. ސައުދީއަށް އަތޮޅު ވިއްކަނީއޭ ރަށް ވިއްކަނީއޭ ކިޔަނީ އާދައިގެ ރައްޔިތުންނަށް އޮޅުވާލައި ވާވެއްދުމަށެވެ.